އީރާނާއެކު ކުރަމުންދާ ހަނގުރާމަ އަވަހަށް ނިމޭނެ ކަމުގެ އުންމީދެއް ނެތް ކަމަށާއި، އެ ގައުމުން ފޮނުވި ސުލްހައިގެ ހުށަހެޅުން ގަބޫލުނުކުރެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ، އެމެރިކާއިން ހިންގާ އިސްތިއުމާރީ އަމަލުތަކާއި ބިރުދެއްކުން ހުއްޓާލައިފި ނަމަ، ޑިޕްލޮމަސީގެ މަގުން ކުރިއަށްދާން ތެހެރާން އޮތީ ތައްޔާރަށެވެ. އީރާނުން ހުށަހެޅި ކަންތައްތަކުގެ ތަފްސީލެއް އާންމުކޮށްފައި ނުވި ނަމަވެސް، އެމެރިކާއިން ކުރިން ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި އީރާނުގެ ނިއުކްލިއަރ މަޝްރޫއުތަކާއި ޔުރޭނިއަމް ފައްކާކުރުމާ ގުޅޭ ހަރުކަށި ފިޔަވަޅުތައް ހިމެނެއެވެ.
މި ހަނގުރާމަ ފެށުނީ 2026 ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އޭޕްރީލް މަހުގެ ކުރީކޮޅުން ފެށިގެން ވަގުތީ ގޮތުން ހަމަލާތައް މެދުކަނޑާލާފައިވާއިރު، އެމެރިކާ ސިފައިންނާއި އީރާނާ ދެމެދު މިހާރު ހަމަލާއެއް ބަދަލުނުކުރާ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ. އެހެންކަމުން ހަނގުރާމަ ނިމިފައިވާ ކަމަށް ބުނެ އޭނާ ވަނީ އެމެރިކާގެ ކޮންގްރެސްއަށް ސިޓީއެއް ފޮނުވާފައެވެ. އެއީ "ވޯ ޕަވަރސް ރިޒޮލިއުޝަން" ގެ ދަށުން ލިބޭ 60 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ގާނޫނީ ހުރަސްތަކުން ސަލާމަތްވުމަށް ކުރި ކަމެއް ކަމަށް ބެލެވެއެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، ދެ ފަރާތުން ވެސް ދަނީ ކަނޑުގެ ވިޔަފާރިއަށް ހުރަސްއަޅާ ފިޔަވަޅުތައް އަޅަމުންނެވެ. އީރާނުން ދުނިޔޭގެ ތެލުގެ ބޮޑު ބައެއް ދަތުރުކުރާ ހޯރމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރަމުންދާއިރު، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ ބަނދަރުތަކަށް ނޭވަލް ބްލޮކޭޑެއް އަޅާފައެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މި މައްސަލާގައި ހައުސްގެ މެންބަރުންގެ ސުވާލުތަކަށް ހަ ގަޑިއިރު ވަންދެން ޖަވާބުދާރީވެފައިވާއިރު، ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ސެނެޓަށް ހުށަހެޅި ގަރާރު ވަނީ ހަވަނަ ފަހަރަށް ވެސް ފެއިލްވެފައެވެ.
އީރާން ހަނގުރާމަ އަވަހަކަށް ނުނިމޭނެ: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ