70 މިލިއަން ޑޮލަރަށް އޭއައި.ކޮމް ގަނެ، ތާރީޚީ ރެކޯޑެއް ހަދައިފި
ކްރިޕްޓޯ.ކޮމްގެ ކޯ-ފައުންޑަރު އަދި ސީއީއޯ ކްރިސް މާޒަލެކް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގެ އައު މަޝްރޫއެއް ފެށުމަށްޓަކައި, އޭއައި.ކޮމްގެ ޑޮމެއިން 70 މިލިއަން އެމެރިކާ ޑޮލަރަށް ގަނެފިއެވެ. މިއީ މިހާތަނަށް ދުނިޔޭގެ ތާރީޚުގައިވެސް ހިނގި އެންމެ ބޮޑު ޑޮމެއިން މުއާމަލާތް ކަމަށް ބެލެވޭއިރު، ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޑޮމެއިން ވިއްކާލާފައިވަނީ 70 މިލިއަން ޑޮލަރަށެވެ. މީގެ ކުރިން މި ޑޮމެއިން ވިއްކުމަށް ހުށަހަޅާފައިވާ އަގަކީ 100 މިލިއަން ޑޮލަރެވެ. https://sun.mv/217442 މި އައު ޕްލެޓްފޯމަކީ ކޮންމެ ޔޫޒަރަކަށް އަމިއްލަ "އޭއައި އެޖެންޓެއް" އުފެއްދުމުގެ ފުރުސަތު ދޭނެ ތަނެކެވެ. މި އެޖެންޓް މެދުވެރިކޮށް މެސެޖު ކުރުމާއި، ޕްރޮޖެކްޓުތައް ރޭވުމާއި، ސްޓޮކް މާކެޓުގައި ވިޔަފާރިކުރުމުގެ އިތުރުން ޑޭޓިން ޕްރޮފައިލްތައް އަޕްޑޭޓްކުރުން ފަދަ ތަފާތު ކަންކަން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ މައުލޫމާތުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކޮންމެ އެޖެންޓެއްވެސް މަސައްކަތްކުރާނީ ވަކިވަކި ޚާއްޞަ ކީތަކަކުން ރައްކާތެރިކުރެވިފައިވާ މާހައުލެއްގައި ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ. މާޒަލެކް ވިދާޅުވީ އޭއައިގެ ދުނިޔެ މިހާރު މިދަނީ ހަމައެކަނި ވާހަކަދެއްކުމުގެ މަރުހަލާއިން ބޭރުވެ، އަމަލީ ގޮތުން މަސައްކަތްތައް ކުރާ "އޭއައި އެޖެންޓުން"ގެ މަރުހަލާއަކަށް ކަމަށެވެ. އަދި އޭނާގެ ތަޞައްވުރަކީ އެކަކު އަނެކަކާ މައުލޫމާތު ހިއްސާކޮށްގެން އަމިއްލައަށް ކުރިއަރާ، ބިލިއަނުން އެޖެންޓުން ހިމެނޭ ނެޓްވޯކެއް އުފެއްދުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ޕްލެޓްފޯމް ރަސްމީކޮށް އިފުތިތާހުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު އޮންނަ "ސުޕަ ބޯލް" ގެ އިޝްތިހާރަކާ އެކުގައެވެ. މިހާރު އެ ވެބްސައިޓަށް ވަނުމުން ފެންނަން ހުރީ ލޯންޗުކުރުމަށް ގުނަމުންދާ ވަގުތުގެ ކައުންޓްޑައުންއެކެވެ. މާޒަލެކް މިހާރުވެސް ކްރިޕްޓޯ.ކޮމްގެ ސީއީއޯގެ މަގާމު ފުރުއްވަމުން ގެންދަވާއިރު، އޭނާ ދެންވެސް މަސައްކަތް ކުރައްވާނީ މި ދެ ކުންފުނީގެ ސީއީއޯގެ ގޮތުގައެވެ. މީގެ ކުރިން އޭނާ ވަނީ ފަސް މިލިއަނާއި 10 މިލިއަން ޑޮލަރާ ދެމެދުގެ އަގަކަށް ގަތް ކްރިޕްޓޯ.ކޮމް ޑޮމެއިން މެދުވެރިކޮށް، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރިޕްޓޯ އެކްސްޗޭންޖު ތަރައްގީކޮށްފައެވެ. ކްރިޕްޓޯ.ކޮމް އަކީ މީގެ ކުރިންވެސް މާކެޓިންގެ ބޮޑެތި ހަރަކާތްތަކަށް މަޝްހޫރު ކުންފުންޏެކެވެ. އެގޮތުން ސްޓޭޕަލްސް ސެންޓަރުގެ ނަން "ކްރިޕްޓޯ.ކޮމް އެރީނާ" އަށް ބަދަލުކުރުމަށް 700 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް އެ ކުންފުނިން ވަނީ މީގެ ކުރިން ހަދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ