އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޣައްޒާ އާރާސްތުކުރުމަށް ކަމަށް ބުނެ އުފެއްދެވި "ބޯޑް އޮފް ޕީސް" ނުވަތަ ސުލްހައިގެ މަޖިލިސް ރަސްމީކޮށް އިފްތިތާޙްކުރައްވައިފިއެވެ. ސުވިޒަލޭންޑްގެ ދާވޯސްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި ޓްރަމްޕް ވަނީ މި ބޯޑުގެ ޗާޓަރު އިޢުލާނުކޮށްފައެވެ.
މި ބޯޑަކީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމަށްފަހު، ޣައްޒާ އަލުން އާބާދުކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް އުފެއްދި މަޖިލީހެއް ނަމަވެސް، މިހާރު މި ބޯޑުގެ މަސައްކަތްތައް ވަނީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި މައްސަލަތަކަށް ފުޅާކޮށްފައި ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ. އަދި ފާހަގަކޮށްލެވޭ ކަމަކީ، ބޯޑުގެ 11 ސަފުހާގެ ޗާޓަރުގައި "ޣައްޒާ" ގެ ނަން އެއްވެސް ތަނެއްގައި ބޭނުންކޮށްފައި ނުވުމެވެ. އެހެންކަމުން ބޯޑަށް އަމާޒުވާ ފާޑުކިޔުންތައް އަންނަނީ އިތުރު ވަމުންނެވެ.
މި ބޯޑުގެ ރަސްމީ ލިޔުންތަކުގައި ސޮއިކުރުމަށްފަހު ޓްރަމްޕް ބުނީ، މި ބޯޑު ފުރިހަމައަށް އެކުލަވާލެވުމުން ބޭނުން ކޮންމެ ކަމެއް ކުރުމުގެ ބާރު ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ ޝަރަފުވެރި ބޯޑު ކަމަށްވެސް އޭނާ ސިފަކުރިއެވެ. މި ބޯޑުގެ ދާއިމީ މެންބަރުކަން ބޭނުންވާ ގައުމުތަކުން 1 ބިލިއަން އެމެރިކާ ޑޮލަރު ދައްކަންޖެހެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޓްރަމްޕް ވަނީ އެމެރިކާގެ އަސްކަރީ ބާރުވެރިކަމާ ބެހޭގޮތުން ވާހަކަދައްކައި، އޭނާގެ ވެރިކަމުގައި ބޮން އެޅި ގައުމު ތަކުގެ ތަފްސީލް ދީ، އެކަމާ ފަޚްރުވެރިވާ ކަމަށް ބުނެފައެވެ. އެގޮތުން އީރާނުގެ ނިއުކްލިއަރ ގާބިލުކަން ނައްތާލުމަށް ބޮން އެޅިކަމަށާ، ސީރިއާ އަދި ނައިޖީރިއާއަށްވެސް ބޮންއެޅި ކަމަށާ، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށް އެގައުމަށް ބަދަލުތަކެއް ގެނެސްފައިވާކަން ޓްރަމްޕް ފާހަގަކުރިއެވެ.
ޖޫން މަހުގެ ތެރޭގައި "އޮޕަރޭޝަން މިޑްނައިޓް ހެމަރ" ގެ ނަމުގައި ހިންގި ޚާއްޞަ އަސްކަރީ ހަރަކާތެއްގައި، އީރާނަށް ބޮން އަޅައި އެގައުމުގެ ނިއުކްލިއަރ ފަންނީ ޤާބިލުކަން އަޅުގަނޑުމެންވާނީ އެއްކޮށް ނައްތާލާފައި. އަދި ސޫރިޔާއަށްވެސް ވާނީ ވަރުގަދަ ހަމަލާތަކެއް ދީފައި… އެފަހުން ނައިޖީރިއާއަށްވެސް ވަރުގަދަ ހަމަލާތަކެއް ދީފައިވާނެ. އަދި މި މަހުގެ ކުރީކޮޅު، ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރިއްޔާ ކަމަށްވާ އެމެރިކާގެ ސިފައިންގެ އާދަޔާޚިލާފު ހުނަރާއި ގާބިލުކަމާއެކު، ޤާނޫނާ ޚިލާފަށް ވެރިކަން ކުރަމުންދިޔަ ޑިކްޓޭޓަރު ނިކޮލަސް މަޑޫރޯ ވަނީ އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެނެސްފައި. ވެނެޒުއޭލާގެ ރައްޔިތުން މިކަމާ ނުހަނު އުފާކުރާއިރު، އެޤައުމުގެ އާ ލީޑަރުންނާއެކު އަޅުގަނޑުމެން މި އަންނަނީ ބަދަހި ގުޅުމެއް ބާއްވަމުން.
ބޯޑުގެ ޗެއާމަންގެ މަގާމުގައި ހުންނާނީ ޓްރަމްޕެވެ. މީގެ އިތުރުން "ފައުންޑިންގ އެގްޒެކެޓިވް ކައުންސިލް" ގައި ހިމެނެނީ މާކޯ ރޫބިއޯ، ޖެރެޑް ކުޝްނަރ، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ، ވޯލްޑް ބޭންކްގެ ރައީސް އަޖޭ ބަންގާ އަދި އެޕޯލޯ ގްލޯބަލް މެނޭޖްމަންޓްގެ ސީއީއޯ މާކް ރޯވަން ފަދަ މީހުންނެވެ.
މި ބޯޑުގައި ބައިވެރިވުމަށް 50 އަށްވުރެ ގިނަ ގައުމަށް ދައުވަތު ދީފައިވާއިރު، މިހާތަނަށް 25 ގައުމަކުން ވަނީ ބައިވެރިވުމަށް އެއްބަސްވެފައެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ، ގަތަރު، ޔޫއޭއީ، އިންޑޮނޭޝިއާ، ޕާކިސްތާން، މިސްރު، ތުރުކީ، އުރުދުން އަދި ކުވައިތު ހިމެނެއެވެ. ނަމަވެސް އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ނޯވޭ އަދި ސްވިޑަން ފަދަ ވިލާތުގެ ގައުމުތަކުން ވަނީ މި ބޯޑުގައި ބައިވެރިވުމަށް އިންކާރުކޮށްފައެވެ.
މި ބޯޑަކީ އދ. އިން ކުރަމުން އަންނަ ބައިނަލްއަގުވާމީ ސުލްހަ ގާއިމުކުރުމުގެ މަސައްކަތްތަކާ ފުށުއަރާ، އެމެރިކާގެ ބާރުގެ ދަށުން ހިންގާނެ ވަކި ނިޒާމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ޓްރަމްޕްގެ ބޯޑް އޮފް ޕީސް އިފްތިތާޙް ކުރީ އެމެރިކާއިން ބޮން އެޅި ގައުމުތަކުގެ ލިސްޓާއެކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ