ކޮންގްރެސްގެ އެޕްސްޓީން ތަހުގީގުގައި ބަޔާންދޭން ކްލިންޓަން އެއްބަސްވެއްޖެ

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި އޭނާގެ އަނބިކަނބަލުން، ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން، ޖެފްރީ އެޕްސްޓީންގެ މައްސަލައިގައި އެމެރިކާގެ ކޮންގްރެސްއިން ކުރިއަށްގެންދާ ތަހުގީގަށް ބަޔާން ދެއްވުމަށް އެއްބަސްވެވަޑައިގެންފި އެވެ.
މި ނިންމެވުމާ އެކު، އެ ދެ ބޭފުޅުންނާ ދެކޮޅަށް މަޖިލީހުގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ފިޔަވަޅު އެޅުމަށް ކުރަމުންދިޔަ މަސައްކަތްތައް ހުއްޓުމަކަށް އައުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.
މަޖިލީހުގެ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި، މި ނިންމެވުމުގެ ސަބަބުން ރިޕަބްލިކަން ޕާޓީގެ އަގުލަބިއްޔަތު އޮންނަ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ކްލިންޓަންއާ ދެކޮޅަށް ނަގަން އުޅުނު ވޯޓު މަޑުޖެހިގެންދާނެ އެވެ. މިފަދަ ވޯޓެއް ނަގައިފި ނަމަ، އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ މަގު ފަހިވެގެންދާނެ އެވެ.
މީގެ ކުރިން ބަޔާން ދެއްވަން ދެކޮޅު ހެއްދެވުމާ ގުޅިގެން، ހައުސް އޯވަސައިޓް ކޮމިޓީން ވަނީ އެ ބޭފުޅުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މިދިޔަ ހަފުތާގައި ލަފާދީފަ އެވެ.
ނަމަވެސް، ކްލިންޓަން އޭރު ވިދާޅުވީ މި ތަހުގީގަކީ ސިޔާސީ ނުފޫޒު އޮތް އަދި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދިފާއުގައި ކުރިއަށްގެންދާ ތަހުގީގެއް ކަމަށެވެ.
މަޖިލީހުގެ ރައީސް މައިކް ޖޯންސަން ރޮއިޓާސްއަށް ވިދާޅުވީ، ކްލިންޓަން ބަޔާން ދެއްވުމަށް އެއްބަސްވެވަޑައިގަތުމަކީ ލިބުނު ކުރިއެރުމެއް ކަމަށާއި، މިކަމާ ގުޅޭ ގާނޫނީ ތަފްސީލުތައް ބަލަމުންދާ ކަމަށެވެ.
ނަމަވެސް، އޯވަސައިޓް ކޮމިޓީގެ މުގައްރިރު ޖޭމްސް ކޯމާ ވިދާޅުވީ، އެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވި ނަމަވެސް، ބަޔާން ދެއްވާނެ ވަކި ތާރީހެއް އަދިވެސް ހާމަކުރައްވާފައި ނުވާ ކަމަށެވެ.
މި ތަހުގީގު ފަށާފައިވަނީ، އެޕްސްޓީން އާއި ދުނިޔޭގެ ނުފޫޒު ގަދަ ބޭފުޅުންނާ އޮތް ގުޅުންތައް ހާމަކޮށްދޭ އެތައް މިލިއަން ލިޔެކިޔުންތަކެއް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރުމާ ގުޅިގެންނެވެ.
ބިލް ކްލިންޓަން މީގެ ކުރިން ވަނީ 2000ގެ ކުރީކޮޅު އެޕްސްޓީންގެ މަތިންދާބޯޓުގައި ދަތުރުކުރެއްވި ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. ނަމަވެސް، އެޕްސްޓީން ހިންގާފައިވާ ޖިނާއީ އަމަލުތަކުގެ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އޭނާއާ ގުޅުން ބޭއްވުނީތީ ހިތާމަކުރައްވާ ކަމަށް ކްލިންޓަން ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ