ރާއްޖޭގައި އޮތީ ދުސްތޫރީ ހަމަނުޖެހުމެއް، ދާޚިލީ ހަނގުރާމައެއް ނޫން – އަހުމަދު މުހައްމަދު

ރާއްޖޭގައި އޮތީ ދުސްތީރީ ހަމަނުޖެހުމެއް ކަމަށާއި އެއީ ދާޚިލީ ހަނގުރާމައެއް ނޫންކަމަށް ރާއްޖެއިން އިންޑިޔާއަށް ކަނޑައަލުއްވާފައި ހުންނަވާ ސަފިރު، އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އިންޑިއާގެ އައުޓް ލުކް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ ރާއްޖޭގައި އޮތީ "ކޮންސްޓިޓިއުޝަނަލް ކްރައިސިސް" ނުވަތަ ދުސްތޫރީ ހަމަނުޖެހުމެއް ކަމަށާއި ދާޚިލީ ހަނގުރާމައެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި އުޅޭ ބިދޭސީންނަކަށް ވެސް ނުރައްކަލެއް ނެތް ކަމަށެވެ.
އަދި ރާއްޖޭގައި މިހާރު އޮތް ހަލަބޮލިކަން ހައްލުކުރުމަށް ބޭރުގެ ނުފޫޒު ބޭނުން ނުވާ ކަމަށް ވިދާޅުވަމުން ސަފީރު އިތުރަށް ވިދާޅުވީ، ރާއްޖެއަށް ބޭރުގެ ފިއްތުންތަކެއް ވެސް ޕްރެޝަރެއް ވެސް ބޭނުން ނުވާ ކަމަށާއި ދިވެހިންނަކީ މައްސަލަތައް އަމިއްލައަށް ހައްލު ކުރެވޭނެ ބައެއް ކަމަށެވެ.
ސަފީރު ވިދާޅުވީ 1988 ވަނަ އަހަރު ރާއްޖެ އަށް ކުރިމަތިވި އުދުވާނީ ހަމަލާއާ ގުޅިގެން އިންޑިއާގެ އެހީތެރިކަމަށް އެދުނު ނަމަވެސް މިއަދު އޮތީ އެފަދަ ހާލަތެއް ނޫން ކަމަށެވެ. އަދި ބައެއް ފަރާތްތަކުން މި ދި ދެހާލަތު އެއްގޮތް ކޮށްގެން ވާހަކަ ދައްކަނީ ރާއްޖެއަށް ބޭރުގެ ނުފޫޒު ގެންނަން ކަމަށް ވެސް ސަފީރު ވިދާޅުވެފައިވެއެވެ.
އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮތް ގާތް ގުޅުން ސިފަކުރައްވަމުން ސަފިރު ވިދާޅުވީ، އިންޑިއާ އަކީ އަބަދު ވެސް ގާތް އަޚެއް ކަމަށެވެ. ރާއްޖެއިން އިންޑިއާ ކަނޑުގެ ސަލާމަތަށް އަބަދު ވެސް ސަމާލުކަންދޭ ކަމަށާއި ސިޔާސީ ގޮތުން ވާހަކަ ދައްކާ ބައެއް ފަރާތްތަކުން ވާހަކަ ދައްކަނީ އަމިއްލަ މަސްލަހަތުގައި ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ސަފީރު މިފަދައިން ވިދާޅުވެފައި ވަނީ އިންޑިއާ އަސްކަރިއްޔާ އިން ރާއްޖެ އައުމަށް ކުރީގެ ރައީސް ނަޝީދު ގޮވާލާފައިވަނިކޮށެވެ. އެކަމަށް އިޝާރާތް ކުރައްވައި ބުރާސްފަތި ދުވަހުގެރޭ ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ ނާންނާނެ ކަމަށާއި އިންޑިއާ އަކީ ރާއްޖޭގެ ގާތް އަޚެއް ކަމަށެވެ.
ސަފީރު އަހުމަދު އިތުރަށް ވިދާޅުވީ ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެއްގެ ގޮތުގައި ތިން އަހަރު މަސައްކަތް ކުރެއްވި އިރު ދިވެހި ސަރުކާރުން އިންޑިއާ އާ މެދު ހިތް ބުރަކަމެއް ނުގެންގުޅޭ ކަމަށެވެ.
ރާއްޖޭގެ ހާލަތާ ގުޅިގެން އިންޑިއާ އިން އަޅާފާނެ ފިޔަވަޅަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސަފީރު ވިދާޅުވީ ފިޔަވަޅެއް އަޅާނެ ޖާގައެއް ނެތް ކަމަށެވެ. ރާއްޖެއާ ގުޅޭ ގޮތުން ވާހަކަ ދައްކަންވާނީ މިހާރު ރާއްޖޭގައި ހިނގާ ކަންތަކާ ގުޅޭ ގޮތުން ފުރިހަމަ މައުލޫމާތު ހޯދައިގެން ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ޗައިނާ އާއި ރާއްޖޭގެ ގުޅުމާ ގުޅޭ ގޮތުން ސަފީރު ވިދާޅުވީ ޗައިނާ އަކީ އަށްޑިހައިގެ އަހަރުތަކުން ފެށިގެން ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްކަމަށާއި ހައުސިން ޕްރޮޖެކްޓްތައް ކުރިން ވެސް ހިންގާފައިވާ ކަމަށެވެ. އަދި މިހާރު ވެސް އިންފްރާސްޓްރަކުޗާ ތަރައްގީގެ ގިނަ މަޝްރޫއުތަކުގައި ޗައިނާގެ ހިއްސާ އެބަ އޮތްކަމަށެވެ. ހަމައެހެންމެ ކުވެއިތާއި ސައުދީ ފަދަ ޤައުމުތައް ވެސް މި މަޝްރޫއުތަކުގައި އެހީދޭ ކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.
ޗައިނާ އިން ރާއްޖޭގައި އަސްކަރީ ބޭސްއެއް ގާއިމު ކުރަން އުޅޭ ކަމަށް ބުނެ ދައްކާ ވާހަކައާ ގުޅޭ ގޮތުން ސަފީރު ވިދާޅުވީ ރާއްޖޭގެ 17 ރަށެއް ދޭން އުޅޭ ކަމަށް މީޑިއާ އިން ހަބަރު ލިބިފައިވާ ކަމަށާއި އެރަށްތަކުގެ ނަންތައް ލިސްޓުކޮށްފައި ދެއްވުމަށެވެ. އިންޑިއާ އެކޭ އެއްގޮތަށް ޗައިނާ ކުންފުނިތަކުން ވެސް ރާއްޖޭގައި ރިސޯޓުތައް އެބަ ތަރައްގީ ކުރާ ކަމަށާއި ރާއްޖޭގައި ނޭވަލް ބޭސްއެއް ގާއިމް ކުރަން ނޫޅޭކަން ފާހަގަކުރައްވަމުން ސަފިރު ވިދާޅުވީ ޗައިނާ އިން ކުރާ ކަމަކީ މާލޭ އާ މައި ވައިގެ ބަނދަރު ގުޅުވާ ބުރިޖްގެ މަސައްކަތްކަމަށެވެ.
ރާއްޖޭގައި މިހާރު އޮތް ހަލަބޮލި ކަމަކީ މިފަހުގެ ތާރީޚުގައި ސިޔާސީ މަސްތަރަށް އައި ހަމައެކަނި ބަދަލު ނޫން ކަމަށާއި ފެހި ގާނޫނު އަސާސީ އައި ފަހުން ދެތިން ފަހަރު މަތިން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވި ކަން އަހުމަދު މުހައްމަދުވަނީ ފާހަގަކުރައްވާފައެވެ. އަދި އެކެއް ފެބްރުއަރީގައި ސުޕްރީމު ކޯޓުން ނެރުނު އަމުރާއި އެއަށް ފަހު ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ހައްޔަރު ކުރުމާ ގުޅޭ ގޮތުން ވެސް ސަފީރު ވަނީ އިންޑިއާގެ ނޫހަށް މައުލޫމާތު ދެއްވައިފައެވެ. އެބޭފުޅުން ހައްޔަރު ކުރީ ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތުގައި ކަމަށްވެސް ސަފިރު ވަނީ އެ ނޫހަށް ސާފުކޮށްދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ