އަހަންނާ ސުވާލު ކުރަންޖެހޭނީ ދާއިރާގެ މީހުން އެކަނި: ޝަރީފް

އޭނާއާ ސުވާލުކުރަންޖެހޭނީ ދާއިރާގެ މީހުން އެކަނި ކަމަށް ބުނެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ދައްކަވާފައިވާ ވީޑިއޯ އެއް ސޯޝަލް މީޑިޔާގައި އާއްމުވެއްޖެއެވެ.
މި ވީޑިއޯ އިން ހާމަވާ ގޮތުގައި ޝަރީފް މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ބާރު ދޭ ބިލަށް މަޖިލީހުން ވޯޓަށް ނޭހޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުގެ މަޖިލިސް ދޮށަށް މިއަދު އެއްވި ބަޔަކާ ދެމެދު ކުރި ހޫނު ޒުވާބެއްގެ ތެރެއިންނެވެ.
އެގޮތުން މި ވީޑިއޯ އިން ފެންނަ ގޮތުގައި މަޖިލިސް ދޮށަށް އެއްވި މީހަކު ވަނީ އެ ބިލަށް ވޯޓު ދެއްވިތޯ ޝަރީފް ކައިރިން ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ޝަރީފް ވިދާޅުވީ "ކީއްކުރަން އަހަރެން ވޯޓު ލަނީ" މިހެންނެވެ. އޭގެފަހުން ވެސް ޝަރީފްއާ އިތުރު ސުވާލުތަކެއް އާއްމުން ކުރަމުންދަނިކޮށް ޝަރީފް ވަނީ އޭނާއާ ސުވާލުކުރަން ޖެހޭނީ އޭނާގެ ދާއިރާގެ މީހުން ކަމަށް ވިދާޅުވެފައެވެ.
ޝަރީފް އެހެން ވިދާޅުވުމާ އެކު މަޖިލިސް ބޭރުގައި ތިބި އާއްމުން ވަނީ ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެ ކަމަށް ބުނެފައެވެ. އޭގެ ރައްދުގައި ޝަރީފް ވަނީ ޖަވާބުދާރީވާން ނުޖެހޭނެ ކަމަށާއި އެ މީހުންނަކީ އޭނާ އަށް ވޯޓުދިން ބައެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.
މިހެން ވިދާޅުވެފައި މަޖިލިސްގެ ތެރެއަށް ވެންނެވުމަށް އެތަނުން ވަޑައިގެންނެވުން، މަޖިލިސް ބޭރުގައި ހުރި އަންހެނަކު ވަނީ އޭނާ އަކީ ޝަރީފް ނިސްބަތްވާ ދާއިރާ މީހެއް ނޫންކަން އިނގެނީ ކިހިނެއްތޯ ޝަރީފްއާ ސުވާލު ކުރައްވާފައެވެ. އޭގެ ޖަވާބުގައި ޝަރީފް ވިދާޅުވީ "މަށަށް އިނގޭ. މަގޭ ދާއިރާ މީހުން މަށާ ސުވާލުކުރާނީ" މިހެންނެވެ.
ޝަރީފް މިހެން ވިދާޅުވުމާއެކު އާއްމުން އޭނާ އަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންދިޔައިރު، ޝަރީފް ވަނީ ފަހުން އެތަން ދޫކުރައްވާ ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ