އީދު ޗުއްޓީއަށް އަތޮޅުތަކަށް ދިޔަ މީހުން މޫސުން ގޯސްވެ މާލެ ނާދެވިފައި

ވަރަށް ފަހަކާ ޖެހެންދެން ވެސް އީދު ފާހަގަކުރުމަކީ މާލޭގައި އެހާ ކުލަގަދަކޮށް ކޮށް އުޅޭ ކަމެއް ނޫނެވެ. އެހެންވެ އީދު ޗުއްޓީ ލިބުމާއެކު ކާރޫބާރޫބޮޑު މާލެ ދޫކޮށް ގިނަ ބަޔަކު ފުރަނީ އަތޮޅު ތެރެއަށެވެ. ފެންކުޅި އާއި ކޯޑި އަދި މާލިތަކާއެކު އީދުގެ ފޯރި ޒަމާނުއްސުރެ ހަމަ އަތޮޅުތަކުގައި ގަދައީއެވެ.
މިފަހަރުގެ ކުޑަ އީދު ދިމާވީ ހުޅަނގު މޫސުމުގެ ބާރުގަދަވި ދުވަސްކޮޅާއެވެ. އެކަމަކު ފެން އީދެއް ފާހަގަކުރަން ހެޔޮ ކަމަށް ބުނެ އަތޮޅު ތެރޭގެ ހިތްފަސޭހަކަން ހޯދާލުމަށް ގިނަ ބަޔަކު ވަނީ ރަަށްރަށަށް ފުރާފައެވެ. އީދު ޗުއްޓީ "ފްލޮޕް" ވިޔަ ނުދިނުމަށް ވެހުނު ވާރޭގެ ތެރޭގައި ވެސް އީދުގެ ކުޅިވަރުތައް ބައެއް ރަށްރަށުގައި ބޭއްވިއެވެ.
އީދު ޗުއްޓީ ނިމި މިއަދު އަނބުރާ ވަޒީފާއަށް ނުކުންނަށް ޖެހުނުއިރު ރަށްރަށަށް ފުރައިގެން ދިޔަ ގިނަ ބަޔަކަށް ވަނީ މޫސުން ގޯސްވެ އަނބުރާ ނާދެވިފައެވެ. އީދު ޗުއްޓީއަށް ށ. އަތޮޅަށް ގޮސް ހުރި ކުއްޖަކު ސީއެންއެމްއަށް ބުނީ އިއްޔެ ފުރަން އޮތް ނަމަވެސް ކަނޑުގަދަވުމުގެ ސަބަބުން އެއަތޮޅުގައި އޮންނަ ލޯންޗު ފެރީ ކެންސަލުވީ ކަމަށެވެ.
ކ. އަތޮޅުގެ ރަށެއްގައި ހުރި ކުއްޖަކު ބުނީ، ކާށިދޫ ކަނޑު ވަރަށް ގަދަ ކަމަށާއި މިދިޔަ ހުކުރު ދުވަހު އެރަށުން އަންނަން އޮތް ފެރީ ވެސް އެހެންވެ ކެންސަލު ކުރި ކަމަށެވެ.
"ކާށިދޫ ކަނޑު މިހާ ގަދަކޮށް އޮއްވާ އަދި ދުވަހަކު ވެސް ދަތުރެއް ނުކުރަން، މިފަހަރު ވަރަށް ގަދަ، ސަލާމަތުން ރަށަށް ދެވޭނެ ކަމަށްވެސް ހީނުކުރަން،" އޭނާ ބުންޏެވެ.
ރާއްޖެއަށް މިދުވަސްކޮޅު އެހާ މޫސުން ގޯހީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ރާއްޖެ އާއި ދުރުން ރާއްޖޭގެ ހުޅަނގު އުތުރުން އަރަބި ކަނޑުގައި ކޮޅިގަނޑެއް އުފެދޭތީ އެވެ. އެހެންވެ 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ހދ. އަތޮޅުން ފެށިގެން މ. އަތޮޅަށް މިއަދު ވައިޓް އެލާޓް ވެސް ނެރިފައެވެ.
ވައި ގަދަވުމާއި ގުޅިގެން ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް މެޓުން ލަފާކުރާއިރު އެ އިދާރާއިން ވަނީ ހާއްސަކޮށް އުތުރާއި މެދުތެރޭގެ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ