ނަހުލާ އެހެން ޕާޓީއަކުން ފެނިދާނެކަމުގެ އިޝާރާތާއެކު ގާސިމް ރަތަށް!

ޖުމްހޫރީ ޕާޓީ (ޖޭޕީ) ހިންގަމުން ދަނީ ގަބޫލު ނުކުރެވޭ އުސޫލެއްގެ ދަށުން ކަމުގައިވާނަމަ އެހެން ޕާޓީއަކުން ނުފެންނާންވީ ސަބަބެއް ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެފައިވާތީ އެ ޕާޓީގެ ލީޑަރު އަދި ނަހުލާގެ ފިރިކަލުން ގާސިމް އިބްރާހިމް ނުރުހުން ފާޅު ކުރައްވައިފި އެވެ.
އެކަމާއި ހިތްހަމަ ޖެހިވަޑައިނުގެން ޖޭޕީގެ ރަސްމީ ވަޓްސްއެޕް ގްރޫޕުގައި ގާސިމް ލިޔެފައިވާ މެސެޖުތަކެއް ވަނީ ލީކުވެފަ އެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ޖޭޕީ ހިންގަމުންދަނީ ގަބޫލުނުކުރެވޭ އުސޫލުތަކެއްގެ ދަށުން ކަމުގައި ވަނީނަމަ އެހެން ސިޔާސީ ޕާޓީ އަކުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ނުފެންނަންވީ ސަބަބެއް ނެތް ކަމަށް، ވީޓީވީގެ ޕްރޮގްރާމެއްގައި މިނިސްޓަރު އައިޝާ ވިދާޅުވެފައި ވަނިކޮށް ގާސިމް ރޭ ވިދާޅުވީ ޕާޓީ ހިނގާ ކަމުނުދަންޏާ ވެރިޔާ ބަދަލު ކުރުމަކީ މެމްބަރުންގެ ޒިންމާއެއް ކަމަށެވެ.
"ޕާޓީ ހިނގާ ގޮތް ކަމުނުދާނަމަ މެމްބަރުންގެ ކަމެއް ވެރިޔަކަށް ހުރި މީހާ ބޭރުކޮށްލުން. އެހެން އާ މީހަކު ވެރިކަމަށް ހަމަޖެއްސުން،" ގާސިމް ލިޔުއްވި އެވެ.
އޭގެ އިތުރުން ގާސިމް ވަނީ، ޖޭޕީގެ ފަރާތުން މަގާމެއްގައި ހުރި މީހެއްގެ ހިދުމަތް ހުރިހާ ގޮތަކުން ވެސް ޕާޓީއަށް ދޭން ޖެހޭނެ ކަމަށާއި އެއްވެސް މެމްބަރަކު ޕާޓީ ދޫކޮށް ދާން ނުޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
"އަމިއްލަ މަންފާ ލިބިގަތުމުގެ ބަދަލުގައި ޕާޓީއަށް ހިދުމަތް ކުރުމުގައި ދެމި ހުންނަން ޖެހޭ، ސަލާމް ޖަހަން ނުކުތްއިރު ގެންގުޅުނު ނާށިގަނޑު މަތިން ހަނދާން ކުރަން ޖެހޭ ކަމަށް އަޅުގަނޑު ދެކެން،" ޖޭޕީގެ ކައުންސިލް މެމްބަރުން ތިއްބަވާ ގްރޫޕުގައި ގާސިމް ވިދާޅުވި އެވެ.
ހަގު އަނބިކަނބަލުންގެ ވާހަކަތަކާ މެދު ގާސިމް ހިތްހަމަ ޖެހިވަޑައިނުގަތް ނަމަވެސް މިނިސްޓަރު އައިޝާ، ވީޓީވީގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަނީ އެހެން ސިޔާސީ ޕާޓީއަކަށް ގުޅިވަޑައިގަތުމުގެ ވިސްނުން އަދި ނުގެންގުޅުއްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ޖޭޕީގެ ވަޓްސްއަޕް ގްރޫޕުގެ ސްކްރީންޝޮޓްތަކެއް ދައުރުވަމުން އައި ނަމަވެސް ޕާޓީގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ