ވައްކަން ނުކޮށް ކުރާ އެއްވެސް ކަމެއް ޕީޕީއެމަކަށް ކަމަކު ނުދޭ: މެމްބަރު ރާއީ

ވައްކަން ނުކޮށް ކަމެއް ކޮށްފިނަމަ ޕީޕީއެމްގެ މަޖިލީސް މެމްބަރުންނަށް ކަމުނުދާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި 2022 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވާ ބަޖެޓަށް ބަހުސްކުރައްވަމުން މެމްބަރު ރާއީ ވިދާޅުވީ، ވައްކަން ނުކޮށް ކަމެއް ކޮށްފިނަމަ ޕީޕީއެމްގެ މަޖިލީސް މެމްބަރުންނަށް ކަމުނުދާނެ ކަމަށާއި، ސަރުކާރުން ކުރާ މަސައްކަތް ކަމުނުގޮސްގެން އުޅެނީ އޭގެތެރޭގައި ވައްކަން ނުހިމެނޭތީ ކަމަށެވެ.
ބަޖެޓުގައި ފާހަގަކުރެވިފައިވާ ދަރަނީގެ ވާހަކައައް އިޝާރާތްކޮށް މެމްބަރު ވިދާޅުވީ، ދައުލަތުން ގިނަ އަދަދަކަށް ލޯންތައް ނަގާ ވަހާކައާއި މި ސަރުކާރުގައި ދަރަނީގެ ނިސްބަތް ބޮޑުވެފައިވާ ވާހަކަ ޕީޕީއެމްގެ މެމްބަރުން އަބަދުވެސް ދައްކާ ކަމަށެވެ.
އެވާހަކަތަކަށް ރައްދު ދެއްވަމުން ރާއީ ވިދާޅުވީ، އެކަން އެންމެ ސާފުކޮށް ކޮށްފައިވަނީ ކުރީ ސަރުކާރުން ކަމަށެވެ.
ރާއީ ވިދާޅުވީ ލޯނު އަނބުރާ ދައްކާނެ ގޮތް ހިމަނާފައިވާނަމަ ލޯނު ނެގުމަކީ މައްސަލައެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި، ބަޖެޓުގައި ވަރަށް ތަފްސީލްކޮށް އެކަންކަން ހިމަނާފައި އެބަހުރި ކަމަށެވެ.
ބަޖެޓަށް ބަހުސްކުރައްވަމުން ރާއީ ވިދާޅުވީ ބަޖެޓަށް ތާއީދު ކުރައްވަނީ އެޖެންޑާ 19 ގައި މަޝްވަރާ ކުރެވިފައިވާ ގިނަ ކަންކަން ބަޖެޓުގައި ހިމަނާފައިވާތީ ކަމަށެވެ.
މީގެއިތުރުން މެމްބަރު ވިދާޅުވީ، ބަޖެޓުގައި ހިމަނައިގެން ތަންފީޒުނުކުރެވޭ މާގިނަ ޕްރޮޖެކްޓްތަކެއް ހުރުން މުހިންމު ނޫން ކަމަށާއި، މުހިންމު ކަމަކީ އެއަހަރަކު ބަޖެޓުގައި ހިމަނާ ކަންތައްތައް އެއަހަރަކު ތަންފީޒުވެގެން ދިއުން ކަމަށެވެ.
އަދި، ސަރުކާރުން ހުށަހަޅާ ބަޖެޓުތަކުގައި އެކަންކަން ކުރުމުގައި ލަސްކަމެއް ހުރިނަމަވެސް، އެކަންކަން ތަންފީޒުވަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ