ޓެކްސް ފައިސާ ރީފަންޑުކުރާ އެކައުންޓު ރެޖިސްޓަރކުރަން އަންގައިފި

ޓެކްސްގެ ޤަވާޢިދުގެ ދަށުން އިތުރަށްދާއްކާ ފައިސާ ރީފަންޑު ކުރަން ޖެހޭ ޙާލަތުގައި ރީފަންޑު ކުރެވޭނެ އެކައުންޓް ރެޖިސްޓަރ ކުރުމަށް މީރާއިން އަންގައިފިއެވެ.
މިކަމާ ގުޅިގެން މީރާއިން ކޮށްފައިވާ ޢިއުލާނުގައިވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤަވާއިދުގެ 69ވަނަ މާއްދާގައިވާ ގޮތުގެމަތިން، އިތުރަށް ދައްކާ ފައިސާ ރީފަންޑު ކުރުމުގެ ބޭނުމަށް، ޓެކްސް ދައްކާ ފަރާތަކަށް ރީފަންޑު ދޭންޖެހޭ ހާލަތުގައި، ރީފަންޑު ކުރާ ފައިސާ ޖަމާކުރާނެ އެކައުންޓެއް ރެޖިސްޓަރ ކުރުމަށް އަންގާކަމަށެވެ.
މި އެކައުންޓް މީރާގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރެޖިސްޓަރ ކުރެވޭނެކަމަށް މީރާއިން ބުނެއެވެ. ރެޖިސްޓްރީ ކުރެވޭނީ ޓެކްސް ދައްކާ ފަރާތުގެ މީރާ ކަނެކްޓް ޕްރައިމަރީ އެކައުންޓުންނެވެ.
މީރާއިން ބުނި ގޮތުގައި، މިގޮތަށް ރެޖިސްޓަރ ކުރާ އެކައުންޓެއްގެ ވެރިފަރާތުގެ ނަމާއި، އެކައުންޓު ނަމްބަރު ސާފުކޮށް އެނގޭފަދަ ލިއުމެއް ބޭންކް މެދުވެރިކޮށް ނަގައި ޕޯޓަލްއަށް އަޕްލޯޑު ކުރަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން މިގޮތަށް ރަޖިސްޓްރީ ކުރާ އެކައުންޓަކީ ޓެކްސް ދައްކާ ފަރާތުގެ އަމިއްލަ އެކައުންޓަކަށް ނުވާނަމަ، ކުންފުނީގެ ބޯޑު ރެސޮލިއުޝަނެއް ނުވަތަ އަމިއްލަ ފަރާތެއްނަމަ މިގޮތަށް ރީފަންޑު ކުރަން ހުއްދަ ދީފައިވާ ކަމުގެ ލިއުމެއް އަޕްލޯޑު ކުރަންވާނެ ކަމަށެވެ.
މީރާއަށް ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން ރީފަންޑު ލިބޭނީ ޓެކްސް ބަޔާން ހުށަހާޅާ ނުވަތަ ގެންނަ އިސްލާހެއްގެ ސަބަބުން އިތުރަށް ފައިސާ ދެއްކިފައިވާ ފަރާތްތަކަށް ކަމަށް ޓެކްސް ދެއްކުމާއި ބެހޭ އިދާރީ ޤަވާއިދުގައި ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ