ޤިޔާމަތުގެ ވާހަކަ (8): ދެމަލާއިކަތުން ސުވާލުކުރެއްވެވުން

ފަހެ އެމީހާގެ ހިތުގެ اعتقاد ކަލާނގެ ރަސްކަންފުޅާއި މެދުގައި خلاف ވެ އޮޅިގެންވާމީހުންނަށް އެކަލާނގެއަކީ الله އެވެ ބުނުން ދަތިވެދެއެވެ. މި لَفْظُ ނޫން އެހެން ކޮންމެވެސް އެއްޗެއް ކިޔައިގެން جواب ދޭން އުޅެފާނެއެވެ. ދެން އެބެއިކަލުން ކަލޭގެއަކަށް ނޭނގުނުތާއޭ ވިދާޅުވެ އެހަންމުށިން ޖައްސަވައިފާނެއެވެ. ދެން އެމީހާ އެތައް ހިސާބަކަށް އަޑިއަށް ހިގައިދާނެއެވެ. ދިއުމުން ދަމައިގެންނަވައިފައިވާނެއެވެ. އެއިރު ހުންނާނީ قبر ގައި އަލިފާން ރޯވެފައެވެ. އެތައް ޒަމާނަކަށް އަދައިފައި ނިވޭއިރު އަނެއްކާ އެދެބެއިކަލުން ތިއްބަވައިގެން އެސުވާލުކުރައްވަނީއެވެ. ދުނިޔެ ދެމި އޮތްހައިހިނދަކު އެމީހާގެ ކަންތައް އެގޮތައް ދެމިހުންނަހުއްޓެވެ. 
މީސްތަކުންކުރެ ބައެއްމީހުންނަށް އަހުރެންގެ ދީނަކީ اِسلام دين އޭ ބުނުން ދަތިވެދެއެވެ. އެއީ ދީނާއިމެދުގައި އެމީހާގެ ހިތުގައި އޮތް شكّ އަކަށްޓަކައި ނުވަތަ މަރުމަތީގައިވީ ފިތުނައަކަށްޓަކައެވެ. މިމީހާގެ حال އަކީވެސް ކުރީން މިބުނިމީހާގެ حال އެވެ. 
ބައެއްމީހުނަށް إِمَام އަކީ قرآن އެވެ ބުނުން ދަތިވެދެއެވެ. އެއީ އެމީހާ قرآن ނުކިޔަވާ ކަމަށްޓަކައްޔާއި ނުވަތަ ކިޔެވިއަސް އެއިން އެއްޗެއް ވިސްނައި نَصِيحَة ލިބިނުގަންނަ ކަމަށްޓަކައެވެ. މިމީހާގެ حال އަކީވެސް ކުރީން މިބުނި މީހުންގެ حال އެވެ. 
ބަޔެއްމީހުންގެ ބަޔެއް ބަޔެއް ނުބައި عَمَل ތައް ނުބައި ސިފަސިފައިގައި ސިފަވެގެންއައިސް ކަށްވަޅުގައި އެމީހާޔަށް عَذَاب ދައްކައެވެ. ބަޔެއްމީހުންގެ ބަޔެއް ބަޔެއް عَمَل ޅަކުއްތާއެއްގެ ސިފައިގައި އައިސް ދައިހަފައި އުޅޭނެއެވެ. ބަޔެއް މީހުންގެ ބަޔެއް عَمَل ޅަ އޫރެއްގެ ސިފައިގައި އަންނާނެއެވެ. 
ބަޔެއްމީހުންނަށް އަހުރެންގެ نبى އަކީ محمّد ގެފާނެވެބުނުން ދަތިވެދެއެވެ. އެއީ އެކަލޭގެފާނުންގެ سنّة ތަކާއި އެމީހާ އުޅުނު ދުރުހެލިކަމުގެ ސަބަބަކަށްޓަކައެވެ. ބައެއް މީހުންނަށް قبلة އަކީ كَعْبة އެވެ. ބުނުން ދަތިވެދެއެވެ. އެއީ އެމީހާގެ ނަމާދުގައި قبلَة އާއި މެދުގައި ފަރުވާބެހެއްޓޭ ކުޑަކަމުންނާއި ނަމާދުގައި ފުށް ފުށަށް އެނބުރި ބަލައި އުޅުމާއި ركوع سجود ހަމަ އަށް ނުކުޅައުމާއި މިކަހަލަ ގޮތްތަކަކަށްޓަކައެވެ. އެނަމާދުގެ އިތުރު ކަމާއި ދަރަޖަ ބޮޑުކަމާއި މެދުގައި މި حديث ން ފުދޭހައިވެއެވެ. روى ވެގެންވެޔޭ فرض ނަމާދެއް فائت ވެފައި ވަނިކޮށް އަނެއްނަމާދެއް މާތްރަސްކަލާނގެ قبول އެއް ނުކުރައްވާނެއެވެ. ނުވަތަ އެމީހާގައި حرام ފޭރާމެއްވާ މީހާގެ ނަމާދެއް ވެސް قبول ނުކުރައްވާނެއެވެ. 
މީސްތަކުންކުރެ ބައެއްމީހުންނަށް ބަފައި ކަލަކީ إبرَاهِيم ގެފާނެވެ ބުނުން ދަތިވެދެއެވެ. އެއީ އެމީހާޔަށް إبرَاهِيم ގެފާނަކީ يهودى އެކޭ ނުވަތަ نَصْرَانِى އެކޭ ބުނެވޭ އަޑެއް އިވި ކޮންމެވެސް ޝައްކެއް ވެފައިއޮވެގެންނެވެ. މިމީހާޔާއި މެދުގައިވެސް އިހުބުނި ފަދައިން ކަންތައް ކުރެއްވޭނެއެވެ. މިހުރިހާ ބާވަތްތަކުގެ ވާހަކަތައް ރަގަޅަށް كشف ކޮށް اِحْيَاء عُلُومُ الدِّين އެވެ ކިޔުނު ފޮތުގައި އަހުރެން ވާހަކަ ދައްކައިފައި ހުންނާނެއެވެ. 
فصل (4)
ނުލަފާވެގެންވާ އަބާއްޖަވެރިޔާ ދަންނައެވެ. އެދެމަލާއިކަތުން ވަޑައިގެން އިބަގެކަލާނގެ އަކީ ކާކުހެއްޔެވެ. އެއްސެވުމުން ދަންނަވައި ފާނެޔޭ، ނޭގެޔޭ، އެދެބޭކަލުން ވިދާޅުވާނެޔޭ ނޭގުނުތާއެވެ. مَعْرِفِة ވެރިކަމެއް ނުވޭތާއެވެ. ދެން އެއްކަލަ ހަންމުށީން ޖެއްސެވުމުން ހަތްވަނަ ބިމަށްފައިބައިގެން ގޮސްފައި ކުއްލިއަކަށް އަރައިދާ ހުއްޓެވެ. އަނެއްކާ سُؤِال ކުރައްވައި އަނެއްކާ ޖައްސަވައި، މިގޮތަށް ހަތްފަހަރަށް ކަންތައް ކުރައްވާނެތެވެ. 
- (މިސިލްސިލާގައި މި ގެނެސްދެނީ ރާއްޖޭގެ މަޝްހޫރު ދީނީ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ދީނީ ޢިލްމުވެރިޔާ ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" އެވެ. މިލިޔުމުން ކިޔުންތެރިންނަށް އަގުހުރި ފައިދާތަކެއް ކުރާނެ ކަމުގެ އުންމީދުގައެވެ.)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ