ރައީސް ޔާމީން މިނިވަންކުރަން ގޮވައިލާ އިދިކޮޅު އިއްތިހާދު ކަނޑުމައްޗަށް

ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ކަމުގައި ކަނޑައަޅައި ކުރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް އެމަނިކުފާނު ޖަލަށް ގެންދެވުނުތާ 1 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް އެމަނިކުފާނު ޖަލުން މިނިވަންކުރަން ގޮވައިލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަން ކަނޑު މައްޗަށް އިހުތިޖާޖަށް ނުކުމެއްޖެއެވެ. މިހާރު ކަނޑުމަތީގެ ހަރަކާތްތައް ފަށާފައިވާއިރު، 3 ދޯންޏެއްގައި ގިނަ ޢަދަދެއްގެ ބަޔަކާއެކު ހިންގަމުންދާ އިހުތިޖާޖުގައި ރައީސް ޔާމީން މިވަގުތު ހުންނެވި މާފުއްޓާ ހަމައަށް ގޮސް އެމަނިކުފާނު މިނިވަންކުރުމަށް ގޮވައިލާނެ ކަމުގައި އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން މިއަދު ބާއްވާ އިހުތިޖާޖާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމު ވިދާޅުވީ މިއީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމުގައެވެ. އަދި އެމްޑީޕީ ސަރުކާރުން ހިންގާ ސިޔާސީ ހަރަކާތްތަކާ ގުޅިގެން އަދި ރަށްރަށަށް ގޮސް އެމްޑީޕީން އުޅޭ ގޮތާ ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެއްވެސް މިންވަރަކަށް ހިރުވައިނުލާ ކަމުގައި ޝިޔާމު ފާހަގަކުރެއްވިއެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންތަކަކީ ހަމައެކަނި ރައްޔިތުންނާއި ޕީއެންސީގެ މައްޗަށް ހިނގާ ކަމެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ. މާލެ ކައިރި ރަށްތަކުން މި ހަރަކާތަށް ވަޑައިގަތުމަށް އެދިވަޑައިނުގެންނެވި ނަމަވެސް ބައެއް ރަށްތަކުން ރައްޔިތުން ބައިވެރިވެވަޑައިގަންނަވާ ކަމަށާއި، އެއިން އެނގެނީ އެ ރައްޔިތުންގެ ހިތުގައި ރައީސް ޔާމީނަށް އޮތް ލޯބީގެ އިތުރަށް އެ ރައްޔިތުންގެ މެދުގައި އޮތް ޤައުމީ ރޫޙު ކަމުގައިވެސް ޝިޔާމު ވިދާޅުވިއެވެ. ރައީސް ޔާމީން ޖަލުގައި ހުންނަވާތާ އެއް އަހަރު ފުރުމާ ދިމާކޮށް އިދިކޮޅު ފަރާތްތަކުން ބާއްވާ އިހުތިޖާޖުތައް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ވަރަށް ފޯރީގައި ކުރިއަށް ގެންދާ ކަމުގައިވެސް ޝިޔާމު ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ