"ސިޔާސީ ޖާހިލުން"ގެ އަތަށް ގައުމު ދޫކޮށްނުލާ: އުމަރު

ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރެވޭނީ ގޯހަށް ގޯހޭ ބުނަން ކެރޭ މީހުންނަށް ކަމަށް ވިދާޅުވެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ފައިރޫޝް ރިޓަޔާ ކުރެއްވީ ފުލުސް ހިދުމަތުގައި 20 އަހަރު ދުވަހު ހިދުމަތް ކުރެއްވުމަށް ފަހުގައެވެ. އޭނާ އިއްޔެ ހިދުމަތުން ރިޓަޔާ ކުރެއްވި އިރު ކުރިން ފީއެޗްޑީއަށް ކިޔަވައި ވިދާޅުވާން އޮސްޓްރޭލިއާގައި ހުންނަވަނިކޮށް، 2017 ވަނަ އަހަރު ފުލުހުންގެ ވަޒީފާއިން ވަކިކުރިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ފައިރޫޝަށް އަލުން ފުލުހުންގެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުން ހުކުމް ކުރިއެވެ.
އުމަރު ވިދާޅުވީ ފައިރޫޝް އަކީ ވަރަށް ތައުލީމީ ހުނަރުވެރި އޮފިސަރެއް ކަމަށެވެ. އަދި ވެރިންގެ އަރިހުގައި ގޯހަށް ގޯހޭ ބުނަން ކެރިވަޑައިގެންފައިވާ ބޭފުޅެއް ކަމަށާ އަދި ގައިރު ގާނޫނީ އަމުރު ތަކަށް ތަބާނުވާނޭ ކަމަށް ބުނަން ކެރޭ ބޭފުޅެއް ކަަމަށެވެ.
"އަޅުގަޑުގެ ވަޒީރު ކަމުގައި އަދީބު ގެ ނުބައި އަމަލު ތަކަށް ފާޅުގައި ނޫނެކޭ ވިދާޅުވާން ކެރުނު މަދު އޮފިސަރުންގެ ތެރޭގައި ފައިރޫޝް ހިމެނުނު. ފުލުހުންގެ މަދު ބަޔަކު ބޭނުން ކޮށްގެން އަދީބު ހިންގަމުން ގެންދިޔަ ގައިރު ގާނޫނީ އަމަލުތައް ހުއްޓުވުމުގައި އެކިގޮތްގޮތުން އަޅުގަޑަށް އެހީތެރިވެ ދެއްވި. އަދި އެކަމާ ގުޅިގެން ފައިރޫޝް ގެ ޒިންމާ ކުޑަކޮށް، 'އެހެލަން' މަސައްކަތް ކުރެވުނު. ގޭންގް އެއް ބޭނުންކޮށްގެން ފައިރޫޝް ގެ ފުރާނަ ދުއްވާލަން ރޭވޭ ކަމުގެ މައުލޫމާތު ލިބި، ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަ ކުރެވުނު،" ހޯމް މިނިސްޓަރުކަމުގައި ހުންްނެވި ދުވަސްތަކުގެ ތަޖުރިބާ ހިއްސާ ކުރައްވާ އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މިއަދުވެސް ފައިރޫޝް އަރިހު ދަންނަން އޮތީ އެދުވަހުވެސް ދެންނެވި ވާހަކަ ކަމަށެވެ. އެއީ މި ރާއްޖެ އަށް ހިދުމަތް ކުރެއްވުމުގައި ދެމި ހުންނެވުމެވެ. އަދި "ސިޔާސީ ޖާހިލުން"ގެ އަތަށް ގައުމު ދޫނުކޮށް ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ރާއްޖޭގައި ދެމި ހުންނެވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ