މަޖިލީހާއި ދެކޮޅަށް ކޯޓުން ނެރުނު ދެއަމުރު ނެރުމުގެ ބާރެއް ލިބިގެން ނުވޭ - ނަޝީދު

ރައްޔިތުންގެ މަޖިލިސް އާއި ދެކޮޅަށް ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ދެ އަމުރަކީ އެކޯޓަށް ނެރުމުގެ ބާރު ލިބިގެން ނުވާ ދެއަމުރު ކަމަށާއި އަދި އެދެމައްސަލަ އެ ކޯޓަށް ބަލައިގަތުމުގެ ބާރެއް ވެސް އެކޯޓަށް ލިބިގެން ނުވާ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރުތަކުގެ ތެރެއިން އެއް އަމުރަކީ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓުތައް ރައްޔިތުންގެ މަޖިލިސްއިން ސިއްރުކުރަން ފާސްކޮށްފައިވަނީ ގާނޫނު އަސާސީ އާއި ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައެޅިފައިވާތީ އެމައްސަލަ އާއި މެދު ގޮތެއް ނިމެންދެން ސިއްރު ވޯޓުތައް ނުނެގުމަށެވެ.
އަނެއް އަމުރަކީ ރައްޔިތުންގެ މަޖިލިސްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވާ ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު މުހައްމަދު ފަހުމީ، މަގާމުން ވަކިކޮށްފައިވުމާއި ގުޅިގެން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅިފައިވާތީ އެ މައްސަލަ އާއި މެދު ގޮތެއް ނިމެންދެން ސިވިލް ސާވިސް ކޮމިޝަންއަށް މެމްބަރަކު އައްޔަން ނުކުރުމަށް ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކަށް ސުޕްރީމް ކޯޓުން ކުރި އަމުރެވެ.
މިދެ އަމުރާއި ގުޅިގެން މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ގާނޫނު އަސާސީ އެކުލަވާލާފައިވަނީ ތިން ބާރުގެ މައްޗަށް ކަމަށް ވާއިރު އެއްބާރުން އެހެން ބާރަކަށް ގުޅުމެއް ނެތި އެބާރުގެ އަމިއްލަ ދާއިރާގެ ތެރޭގައި އެކަނި ކުރެވޭނެ ކަންކަމާއި އެހެން ބާރަކާއި ގުޅިގެން އެބާރާއި އެކުގައި ނޫނީ ނުކުރެވޭނެ ކަންތައް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެއްބާރުން ކުރާ ކަންކަން ބާތިލު ކުރުމުގެ ބާރުވެސް އެހެން ބާރަކަށް ލިބިދީފައިވާ ހާލަތްތަކެއްވާ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދުގެ އަމިއްލަ ބްލޮގް ގައި ވިދާޅުވެފައި ވަނީ އެހެން ބާރެއްގެ ދައުރެއް ނެތި މަޖިލީހަށް އެކަނި ކުރުމުގެ ބާރު ލިބިގެންވާ ކަންތަކެއްވާ ކަމަށާއި އެހެން ބާރެއްގެ ދައުރެއް ނެތި ސުޕްރީމް ކޯޓަށް އެކަނި ކުރުމުގެ ބާރު ލިބިގެންވާ ކަންތައްތަކެއް ވެސް ވާ ކަމަށެވެ.
އަދި މަޖިލީހާއި ސުޕްރީމް ކޯޓު ގުޅިގެން ނޫނީ ނުކުރެވޭނެ ކަންތަކެއް ވާއިރު އަދި މަޖިލީހުން ކުރާ ކަންކަން ސުޕްރީމް ކޯޓުން ބާތިލުކުރެވޭ ގޮތަށް ހުރި ކަންތައްތަކެއް ވާއިރު ސުޕްރީމް ކޯޓުން ކުރާކަންކަން މަޖިލީހަށް ބާތިލުކުރެވޭނެ ގޮތަށް ހުރި ކަންކަން ވާ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ދެއަމުރުގައިވާ ކަންތައްތަކަކީ ހަމައެކަނި މަޖިލީހަށް ޙާއްސަވެގެންވާ ބާރުގެ ދާއިރާގެ ތެރޭގައި ކުރާ މަޖިލީހަށް ބާރު ލިބިގެންވާ ކަންކަމާއި ގުޅުންހުރި ކަންތައް ކަމަށެވެ.
ކަން ސާފުވަނީ، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. އެ މާއްދާގައި ބުނަނީ، “މި ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގިގޮތުގެ ޞައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެއެވެ” މިހެންނެވެ.
ނަޝީދު ވިދާޅުވީ ގާނޫނު އަސާސިގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ކަންކަން އެބަހުރި ކަމަށާއި ގާނޫނު އަސާސީގެ 113 ވަނަ މާއްދާ އާއި 74 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ (ހ) އަށް ބަލާލުމުން އެކަން އިނގޭ ކަމަށެވެ.
ގާނޫނު އަސާސީގެ 113 ވަނަ މާއްދާގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުރި މީހަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާމެދު ޚިލާފު އުފެދިއްޖެނަމަ، އެކަމުގައި ވަކިގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އަދި، އެ ކޯޓުން ނިންމާ ނިންމުމަކީ އެކަމުގައި އެންމެފަހުގެ ނިންމުމެވެ.
ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ މެންބަރަކު މަޖިލީހުން ވަކިކުރަންވެއްޖެތޯ ބެލުމުގައި، ނުވަތަ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ، ސުޕްރީމް ކޯޓުންނެވެ.
އަދި ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިއަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމާއި، އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމް ކޯޓަށެވެ.
ނަޝީދުގެ އަމިއްލަ ބްލޮގްގައި ވިދާޅުވެފައިވަނީ މަޖިލީހަށް ފުރިހަމަ އިމްތިޔާޒް ލިބިދީފައިވާ ދާއިރާތަކުގެ ތެރޭގައި ކުރާ ކޮންމެ ކަމެއް ކޯޓުތަކަށް ނުބެލޭނެ ކަމަށާއި އެއީ އެއާ މެދު ޗެލެންޖު ކުރެވޭނެ، އިސްތިއުނާފް ކުރެވޭނެ، އެއާއި މެދު ތައުނު ކުރެވޭނެ ކަންކަން ނޫން ކަމަށެވެ. އަދި މަޖިލީހުގެ ނިންމުމެއް މަޖިލީހުން ބަދަލުނުކުރާހާ ހިނދަކު އެނިންމުން އެގޮތަށް ދެމިގެންދާނެ ކަމަށެވެ.
"ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި، “މި ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ރައްޔިތުންގެ މަޖިލީހުގެ އެއްވެސްކަމެއް ހިނގިގޮތުގެ ޞައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެއެވެ” ބުނެފައިވަނީ، އެ ރައްކާތެރިކަމާއި ކަށަވަރުކަން މަޖިލީހުގެ ނިންމުންތަކަށް މުޠުލަޤު ގޮތުގައި ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.'' ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ މަޖިލީހުގެ ކޮންމެ ނިންމުމަކީ، ޤާނޫނުއަސާސީއާ ޚިލާފު ނިންމުމެއްކަމަށް ނުވަތަ ދުސްތޫރީ މައްސަލައެއްކަމަށް ހުށަހަޅައި، މަޖިލީހުގެ ނިންމުންތައް ހުއްޓުމަކަށް ގެނެވޭނެގޮތް ހެދިޔަ ނުދިނުމަށެވެ. އެ ފުރުޞަތު ކޯޓުތަކަށްވެސް، އަދި މަޖިލީހުގެ ނިންމުމާމެދު ޚިޔާލު ތަފާތުވާ މީހަކަށްވެސް ނުދިނުމުގެ ބޭނުމުގައި ކަމަށެވެ.
ސުޕްރީމް ކޯޓުގެ ދެއަމުރަށް ފާޑު ވިދާޅުވަމުން މަޝްހޫރު ގާނޫނީ ވަކީލު ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ށ) ނެތް ނަމަ ނުވަތަ އެއީ އޮތް މާއްދާއަކަށް ނުހަދައި މަޖިލީހުގެ ކޮންމެ ނިންމުމެއް ސުޕްރީމް ކޯޓަށް ދާން ފަށައިފި ނަމަ ސުޕްރީމް ކޯޓު ބަދަލުވެގެންދާނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އޮތް "ރައްޔިތުންގެ އިސްތިއުނާފީ" މަޖިލީހަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ