އަބްދުﷲ ގާޒީގެ މައްސަލައިގެ ދައުވާލިބޭ އެހެން ފަރާތްތަކަށް ވެސް ޗިޓް ފޮނުވައިފި

ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ނިޒާމްގެ ބޭރުން ހައްޔަރުކޮށް ގެއްލުވާލި މައްސަލައިގައި ދައުވާ ރައްދުވާ އެހެން ފަރާތްތަކަށްވެސް ހުޅުމާލޭ ކޯޓުން ޗިޓް ފޮނުވައިފިއެވެ.
އަބްދުﷲ ގާޒީ ގާނޫނު އަސާސީއާއި ޚިލާފަށް ހައްޔަރުކޮށް ނިޒާމްގެ ތެރެއިން ގެއްލުވާލާފައިވާ މައްސަލާގައި ނަޝީދުގެ އިތުރުން ޖިނާއީ ދައުވާކުރަނީ އެމަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލް އާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
މިމައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތަކަކަށްވެސް ހުޅުމާލޭ ކޯޓުން ޗިޓް ފޮނުވާފައިވަނީ އަންނަ މަހުގެ 1 ވާ ހޯމަދުވަހު ކޯޓަށް ހާޒިރުވުމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މި ހުރިހާ ބޭފުޅުންނަށް ވެސް ޗިޓް ފޮނުވާފައިވަނީ އަންގާރަ ދުވަހާއި ބުދަ ދުވަހު އެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުށްނުކުރާ މީހަކު ގާނޫނާ ހިލާފަށް ގަސްދުގައި ހިފާ ހައްޔަރުކުރުމުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން ނުވަތަ 2،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މިމައްސަލަ އާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ އެއްވެސް ބޭފުޅަކު ކޯޓުގެ ހުއްދަ ނެތި މާލެއިން ބޭރަށް ފުރައިގެން ނުދިއުމަށް ކޯޓުން މީގެކުރިން ވަނީ އަންގާފައެވެ. މީގެއިތުރުން ގާނޫނު އަސާސީގައިވާ ގޮތުގެމަތިން ވަކީލުން އައްޔަންކުރުމުގެ ފުރުސަތާއި މައްސަލާގައި ހިމެނޭ ލިޔެކިއުންތައް ލިބެން ހުރިކަންވެސް އެފަރާތްތަކަށް އަންގާފައިވެ އެވެ.
ޕީޖީން ކޯޓަށް ހުށައަޅާފައިވާ ގާނޫނާއި ޚިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ ބެލުމަށް މިހާރު ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައި ޖަސްޓިސް ބިލްޑިންގުގެ ތިރީ ހޯލުގައި އަޑުއެހުންތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ރައީސް ނަޝީދު ގެ މައްޗަށް މިހާރު މިއޮތް ސަރުކާރުގެ ޑިފެންސް މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު ނާޒިމާއި ޕޮލިސް ކޮމިޝަނަރ ކަމުގެ މަޤާމުގައި ހުންނެވި އަބްދުﷲ ރިޔާޒް ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާ އަބުރުގެ ދަޢުވާއާ ގުޅިގެން 2 އޮކްޓޯބަރ 2012 ވަނަ ދުވަހަށް ސިވިލް ކޯޓްގެ ޝަރީޢަތްތަކަށް ހާޒިރުވެވަޑައިގަތުމަށް ވެސް އެމަނިކުފާނަށް ވަނީ ޗިޓް ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ