ޕީޕީއެމްގެ ރައީސްކަމުން މައުމޫން ދުރުކުރަން ކޯޓު އަމުރަކަށް އެދިއްޖެ

ވެރިކަން ކުރާ ޕީޕީއެމްގެ ރައީސްކަމުގެ މަގާމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދުކުރަން އެ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ކޯޓު އަމުރަކަށް އެދިވަޑައިގެންފި އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ބުނި ގޮތުގައި ޕީޕީއެމްގެ ރައީސަކީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތަށް، ޕާޓީގެ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ޕާޓީ ހިންގަވަން ޖެހިވަޑައިގަންނަވާ ބޭފުޅެކެވެ. އެކަމަކު، އެއާ ހިލާފަށް، މައުމޫން ވަނީ ޕާޓީގެ ގުނަވަންތައް ސަސްޕެންޑް ކުރައްވައި ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ޕާޓީގެ ހަރަކާތްތައް ހިންގުމަށް ހުރަސްއަޅުއްވައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް އެއްކޮށް ހުއްޓުވާލައްވާފައި ކަމަށް އެ މައްސަލައިގައި ބުންޏެވެ.
"... [އެހެންވެ]، ޕާޓީގެ ރައީސްކަމުން އެ މަނިކުފާނު އެކަހެރިކޮށް، ޕާޓީގެ ހިންގުން ސިޔާސީ ޕާޓީގެ ގާނޫނާއި ޕާޓީގެ ހިންގާ ގަވާއިދަށާއި އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކޮށްދޭނެ ފަރާތަކާއި ޕާޓީގެ ހިންގުން ހަވާލުކޮށްދިނުން އެ ޕާޓީގެ ކައުންސިލްގެ މައްޗަށް ލާޒިމު ކުރާ އަމުރަކަށް" އެ ދެ ބޭފުޅުން ވަނީ އެދިވަޑައިގެންފަ އެވެ.
އެ އަމުރަށް އެދުނީ، މައްސަލައިގައިވާ ގޮތުން، މައިގަނޑު ދެ ކަމެއް ކަށަވަރު ކުރުމަށެވެ. އެއީ ޕީޕީއެމަކީ ވަކި ފަރުދަކު ބޭނުންވާ ގޮތަށް، އުސޫލުތަކުން ބޭރުން ހިންގާ ޕާޓީއަކަށް ވިޔަ ނުދިނުމާ އެކު ޕާޓީ ގާނޫނީ ހުސްކަމަކަށް ނުދާނެކަން ކަށަވަރު ކުރުމުގެ އިތުރަށް، ފުދުންތެރި ގައުމަކަށް ރާއްޖެ ހެދުމަށް ގެންނަންޖެހޭ ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ އިސްލާހުގެ މަސައްކަތުގައި ޕީޕީއެމްގެ އިސް ދައުރެއް އޮތުން ކަށަވަރު ކުރުމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ދެ ބޭފުޅުން ކަމަށްވާ ޝިޔާމާއި ޝާހިދު ވަނީ ކުރިން ވެސް މައުމޫނާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. ޕާޓީގެ ހިންގުން މައުމޫން ހުއްޓުވާލައްވައި ކައުންސިލްގެ ބައްދަލުވުންތައް އެ މަނިކުފާނުގެ ހުއްދަ ނެތި ނުބާއްވަން މައުމޫން އެންގެވި އެންގެވުން ބާތިލުކޮށް ދިނުމަށް އެދި ހުށަހެޅި އެ މައްސަލައިގައި ކޯޓުން ވަނީ މައުމޫންގެ އެންގެވުމަށް އަމަލުކުރުން ފަސްކުރަން މިދިޔަ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ވަގުތީ އަމުރެއް ނެރެފަ އެވެ.
އެކަމަކު، ކައުންސިލްގެ ބައްދަލުވުމެއް މައުމޫން މިހާތަނަށް ބާއްވާފައެއް ނުވެ އެވެ. އެހެންވެ، ސިވިލް ކޯޓުން އޭރު ކުރި އަމުރު މައުމޫން ތަންފީޒު ނުކުރައްވާކަން، ބުރާސްފަތި ދުވަހު ހުށަހެޅުއްވި މައްސަލައިގައި ވެސް ޝިޔާމާއި ޝާހިދު ވަނީ ފާހަގަކުރައްވައިފަ އެވެ.
މި މައްސަލައިގައި ޖަވާބުދާރީ ވުމަށް މާދަމާ ހަވީރު 3:30 އަށް ސިވިލް ކޯޓަށް ހާޒިރުވުމަށް ޕީޕީއެމަށް ވަނީ ޗިޓް ފޮނުވައިފަ އެވެ.
މައުމޫނާ ދެކޮޅަށް އެންމެ ފުރަތަމަ މައްސަލަ ހުށަހަޅުއްވި ބޭފުޅުން މާފަށް އެދިވަޑައިގަންނަވަން މައުމޫން އަންގަވާފައި ވަނިކޮށް ޕީޕީއެމްގެ ރައީސްކަމުން އެ މަނިކުފާނު ވަކިކުރަން އިތުރު މައްސަލައެއް ކޯޓަށް ވެއްދިއިރު، މައުމޫނާއި އެ މަނިކުފާނުގެ ކޮއްކޯފުޅު، މިހާރުގެ ރައީސް ޔާމީނާ ދެ ބޭފުޅުންގެ ސިޔާސީ ހިޔާލު ތަފާތުވުންތައް ވަނީ އިތުރުވެފަ އެވެ. އަދި ދެ ބޭފުޅުން ބަދަލުކުރައްވާ ބަހުގެ ހަމަލާތައް ވެސް ވަރުގަދެ އެކި ކަންކަމުގައި ހަރުކަށި ފިޔަވަޅުތަކެއް ދެ ފެކްޝަނުން ވެސް ވަނީ އަޅަން ފަށައިފަ އެވެ.
މައުމޫން ޕާޓީގެ ރައީސްކަމުން ވަކިކުރަން މަސައްކަތް ނުކުރާ ކަމަށް ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، ޕީޕީއެމްގެ ތެރޭގައި ޖެހިފައިވާ މައްސަލަތަކަށް ކޯޓުން ހައްލު ލިބޭނެ ކަމަށް، ރައީސް ޔާމީން ޕީޕީއެމްގެ ކައުންސިލާ އެއްކޮށް މިދިޔަ ހަފުތާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިދާޅުވި ކަމަށް ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ