ޖޭޕީގެ ރައްދު ޔާމީނަށް: ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާނީ ޕީޕީއެމް ޓިކެޓުގައެއް ނޫން

ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް (ޕީޕީއެމް)ގެ ޓިކެޓެއްގައި ނޫން ކަމަށް ޖޭޕީން ބުނެފިއެވެ. "އިންޑިއާ އައުޓް" ކެމްޕޭނުގެ ތެރެއިން އިއްޔެ ގއ. ވިލިނގިލީގައި ބޭއްވި ހަރަކާތެއްގައި ވާހަަކަފުޅުދައްކަވަމުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ޖޭޕީގެ ލީޑަރު ގާސިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަފުޅު ދައްކަވައިފައެވެ. ޔާމީން ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއިން ރައީސް ކަމަށް ހޮވަން ތާއިދު ކުރާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ބުނެ ބަޔަކު ދައްކާ ވާހަކަތައް ގަބޫލު ނުކުރުމަށް ޔާމީން އެދިވަޑައިގެންފައެވެ. އަދި ޕީޕީއެމްއިން ރިޔާސީ އިންތިޚާބަށް ނެރެން ބޭނުންވާ، ގާބިލު މީހުން ތިބި ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. https://sun.mv/162494 ރައީސް ޔާމީންގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޖޭޕީން ބުނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޔާމީނު ނާކާމިޔާބުވެވަޑައިގަތީ، ގާސިމް އިބްރާހިމްގެ ފުރިހަމަ އެއްބާރުލުވުމާއެކުގައި ކަމަށެވެ. ހަމައެހެންމެ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޔާމީނަށް ކާމިޔާބުވެވަޑައިގަތީ ވެސް ޖޭޕީގެ ލީޑަރު އެ މަނިކުފާނަށް ތާއީދުކުރެއްވުމުން ކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށް ޖޭޕީން ބުންޏެވެ. ޖޭޕީން ބުނީ ރައީސް ޔާމީން، ގާސިމަށް ފާޑުވިދާޅުވާން ފެއްޓެވީ ދިވެހި ރައްޔިތުން ގާސިމަށް ކުރައްވާ ތާއީދު ފެންނަން ފެށުމުން ކަމަށާއި ރިޔާސީ އިންތިހާބުގައި ގާސިމް ނިކުންނަވާނީ ޕީޕީއެމްގެ ޓިކެޓުގައި ނޫން ކަމަށެވެ. "ޖޭޕީ ތާރީޚުގައި ވެސް ކޯލިޝަން ހަދަން އަބަދު ވެސް ބޭފުޅުން އަންނަނީ ޖޭޕީއަށް. ވީމާ ޕީޕީއެމް ޓިކެޓެއްގައި އޮނަރަބަލް ގާސިމް އިބްރާހީމް ވެރިކަމަށް ވާދައެއް ނުކުރައްވާނެ،" ޖޭޕީން ބުންޏެވެ. ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުންގެ ގޮތުގައި ތިބުމަށް ފަހު ޕާޓީ ދޫކޮށްލާފައި ދިޔަ މީހުންނަށް ދެން ޖާގައެއް ނޯންނާނެ ކަމަށް ވިދާޅުވެ ޔާމީން ދެއްކެވި ވާހަކައަށް ރައްދު ދެއްވައި، ޖޭޕީން ބުނީ ޔާމީން ދޫކޮށްލުމަށްފަހު، ޖޭޕީއާ ގިނަ މެންބަރުންގެ ކޮލިޓީއަށް އެ މަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. "ޖޭޕީއަށް އެ ބޭފުޅުން ގުޅުމަށް ފަހު މިނިވަންކަމާއެކު ހިންގުމުގެ ދާއިރާގައި ބަސް ބުނެ، ކަންކުރަން ޖޭޕީން ފުރުސަތު އެބަ އޮތް. އަދި އެ ބޭފުޅުން މަސައްކަތް ކުރައްވަނީ އިހުލާސްތެރިކަމާއެކު އޮނަރަބަލް ގާސިމް އިބްރާހިމް ވެރިކަމަށް ގެނައުމަށް އަދި ޖޭޕީ އެންމެ ވަރުގަދަ ޕާޓީއަށް ހެދުމަށް،" ޔާމީންގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޖޭޕީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ