ކަރަންޓު އިގްތިސާދު ކުރުމަށް ހޭލުންތެރި ކުރުމަށް ސްޓެލްކޯއިން ބޭއްވި ކުޑަކުދިންގެ ހަވީރު ކާމިޔާބު

ކަރަންޓު އިގްތިސޯދުކުރުމަށް ހޭލުންތެރި ކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެށް (ސްޓެލްކޯ) އިން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
ސްޓެލްކޯއިން ކުރިއަށްގެންދާ އެނާޖީ ސޭވިން ކެޕްމޭނުގެ ދަށުން އިއްޔެ އެ ކުޑަކުދިންގެ ހަވީރު ބާއްވާފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެ ހަވީރުގެ ތެރެއިން ކުޑަކުދިންނަށް ރަނގަޅު ގޮތުގައި ކަރަންޓު ބޭނުންކުރުމުގެ މުހިންމުކަމާއި ކަރަންޓު އިގްތިސާދުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތުދީފައި ވެއެވެ.
އަދި އެ ކުޑަކުދިންގެ ހަވީރުގައި ބައިވެރިވި ކުދިންގެ ހުނަރު ދައްކާލުމާއި، ކަޕްކޭކާއި ކުޑަކުދިންނާ ގުޅުންހުރި އެެކި ކަހަލަ ގޭމްތައް ކުޅުމުގެ ފުރުސަތުވެސް ދީފައި ވެއެވެ. އަދި އެކުދިންނަށް ހަދިޔާވެސް ދިފައި ވެއެވެ.
އޭގެ އިތުރުން، އެ ކުޑަކުދިންގެ ހަވީރުގެ ތެރެއިން ކަރަންޓު ހަރަދު ކުޑަ އެލްއީޑީ ބޮކި ބަހާފައިވާއިރު، ރޮބޯމޭންގެ ހަރަކާތްތައްވެސް ދައްކާލާފައި ވެއެވެ.
އެ ކުންފުނީގެ އެނާޖީ ސޭވް ކެމްޕޭނުގެ ދަށުން ކަރަންޓު އިގްތިސާދުކުރުމާ ގުޅޭގޮތުން ހޭލުންތެރި ކުރުމަށް ސްޓެލްކޯއިން މި ދުވަސްވަރު ދަނީ އެކި ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އާންމުންނަށް މައުލޫމާތު ދިނުމަށް ކްލަބްހައުސް ސެޝަނެއްވެސް ބާއްވާފަައި ވެއެވެ.
ސްޓެލްކޯއިން ބުނީ އެ ކެމްޕޭނުގެ ދަށުން ކުރިއަށް އޮތް ދުވަސްތަކުގައި އެކި ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ހަރަކާތްތަކުގެ މައުލޫމާތު އެ ކުންފުނީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ