މޫސުން ގޯސް: ލިބިދާނެ ގެއްލުމަށް ރައްކާތެރިވޭ

ރާއްޖޭގެ މޫސުން ކުރިއަށް އޮތް 3 ދުވަހު ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ އެކަމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުއެޅު މަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)އިން އިލްތިމާސްކުރައްވައިފިއެވެ.
ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ޤާއުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ.
މިކަމާ ގުޅިގެން އެންޑީއެމްއޭއިން ނެރުނު ނޫސްބަޔާނުގައި ވަނީ ބޯކޮށްވާރޭވެހި ފެންބޮޑުވުމާއި އުދައެރުމުން އަދި ގަދަވައިގެ ސަބަބުން އާންމު ރައްޔިތުންގެ މުދަލާއި އިމާރާތްތަކަށް ލިބިދޭނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ. ބޯކޮށް ވާރޭ ވެހުމުމުގެ ސަބަބުންނާއި އުދަ އެރުމުގެ ސަބަބުން ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުމަށާއި ގޭގެއަށް ފެން ނުވަންވާނެހެން ވެލިބަސްތާފަދަ ތަކެތި ޖެހުމަށްވެސް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ގެތެރޭގައި ފެންބޮޑުވުން ގެއްލުންވެދާނެ މުދާ އުސްތަންތަނަށް ބަދަލު ކުރުން ނުވަތަ ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލު ކުރުމަށާއި ގަދަވަޔާއެކު ފުރާޅު އެއްލާލަފާނެކަމަށް ލަފާކުރެވޭނަމަ ފުރާޅު އެއްލާނުލާފަދަގޮތަކަށް، ހައްޔަރުކުރުމަށްވެސް އެންޑީއެމްއޭއިން އިލްތިމާސްކުރައްވައެވެ.
ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުމަށާއި ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުމަށާއި ކަނޑުދަތުރުކުރާ މީހުން މޫސުމަށް ބަލައިގެން ދަތުރު ކުރުންމަށްވެސް އެންޑީއެމްއޭއިން އިލްތިމާސްކުރައްވައެވެ.
މެޓް އޮފީހުން ވަނީ މިއަދު ހަވިރު 5:30އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލުވެސް ނެރުއްވާފައެވެ.
އަދި މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށާ، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ