ވަކީލުން ބޭނުން ވަނީ މަގުތަކަށް މީހުން އެއްކޮށްގެން ނަޝީދު ސަލާމް ކުރާ މަންޒަރު ލައިވްކުރަން - އުމަރު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލުންގެ ޓީމުން ބޭނުން ވަނީ އެމަނިކުފާނު އިނގިރޭސި ވިލާތަށް ފުރައިވަޑައިގަތުމަށް ޖަލުން ނުކުންނަވާ އިރަށް މަގުތަކަށް މީހުން އެއްކޮށްގެން ސަލާމް ކުރާ މަންޒަރު ރާއްޖެ ޓީވީން ލައިން ކުރަން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ވިދާޅުވީ އެ ފުރުސަތު ނުލިބޭނެ ކަމަށާއި ފުރައިވަޑައިގަތުމަށް އޮތް ހަމަ އެކަނި އުސޫލަކީ ޖަލުން ސީދާ އެއަރޕޯޓަށް ދިއުން ކަމަށެވެ.
"ބޭނުން ވެގެން އުޅޭ ގޮތަކީ ހަސަން ލަތީފާއި ރައީސް ނަޝީދުގެ އެހެން ގާނޫނީ ވަކީލުން ތިބެހެން ޖަލުން ނުކުމެގެން މަގުތަކަށް މީހުން އެއްކޮށްގެން ސަލާމް ކުރަމުން ރާއްޖެ ޓީވީން އެމަންޒަރު ލައިން ކުރަން. އެ ފުރުސަތު ނުދީގެން މިއުޅެނީ. އެހެނެއް އެކަމެއް ނުވާނެ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ނަޝީދަށް ބޭރަށް ފުރައިވަޑައިގެންނެވޭނީ އެމަނިކުފާނުގެ ފަރާތުން ބެލެނިވެރިއަކު ހަމަޖައްސަވައި، ގެރެންޓީ ދީގެން ކަމަށެވެ. ނަމަވެސް ނަޝީދުގެ ފަރާތްޕުޅުން ވިދާޅުވެފައިވަނީ ނަޝީދު ބޭނުންފުޅުވަނީ ޝަރުތަކާ ނުލައި މުއްދަތެއް ނެތްގޮތަށް ބޭސް ފަރުވާ އަށް ވަޑައިގަތުމަށް ކަމަށާއި އަދި އެއްވެސް މީހަކު ޒިންމާ ކުރުވާފައި ވަޑައިގަންނަވަން ބޭނުން ނުވާ ކަމަށާއި އެ ޝަރުތަކީ ސަރުކާރުން ފަހުން އިތުރުކޮށްފައިވާ ޝަރުތެއް ކަމަށެވެ.
އިގިރޭސި ވިލާތުގައި އޮޕަރޭޝަނެއް ކުރައްވަން ވަޑައިގަތުމަށް ސަރުކާރުން ދީފައި ވަނީ 30 ދުވަހެވެ. ނަމަވެސް އޭގެ ފަހުން ޑޮކްޓަރު ލަފާ ދެއްވައިފި ނަމަ 45 ދުވަސް އިތުރު ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ