މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރަކީ ކޮންމެ ދުވަހަކުވެސް ގަޑިއަށް މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ކަންކަމުގައި ވަގުތު ދެއްވާ ވާދަވެރި މެމްބަރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވެފައިވަނީ އިއްޔެ ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގެ ތެރެއިންނެވެ. މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު އިއްޔެގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން ނިޒާމީ މައްސަލައެއް ނަންގަވާ ހެނދުނު 9:00 ގައި ފަށާ ޖަލްސާއަށް ބައެއް މެމްބަރުން 12:00 ގެ ފަހުން ވަޑައިގެން ދާއިރާގެ ރައްޔިތުންނަށް އެ މެމްބަރަކު ވަޑައިގެންކަން ދެއްކެވުމަށް ކުރާ މަސައްކަތް ހުއްޓައިދިނުމަށް ރިޔާސަތުގައި އެދިލެއްވިއެވެ.
އެ ނިޒާމީ މައްސަލަ ބަލައިގަތުމަށްފަހު މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލައަކީ ހުދު އެމަނިކުފާނުވެސް ފާހަގަކުރަން ބޭނުންވެފައިވާ މައްސަލައެއްކަމަށާއި، ވާދަވެރި ޕާޓީތަކުގެ މެމްބަރުންވެސް މަޖިލީހަށް ވަޑައިގެން އެމް.ޑީ.ޕީގެ 65 މެމްބަރުނާއި ބަހުސް ކުރައްވާ ޖަދަލު ކުރައްވާ އެ މެމްބަރުންގެ ރައްޔިތުން ތަމްސީލްކޮށްދެއްވުމަކީ މަޖިލީހުގެ ނިޒާމުކަމަށެވެ.
އޭގެ ފަހުން ނައިފަރު ދާއިރާގެ މެމްބަރަށް ފުރުސަތު އެރުވުމުގެ ކުރިން މަޖިލީސް ރައީސް ވިދާޅުވީ "ނައިފަރު ދާއިރާގެ މެމްބަރަށް ފުރުސަތު އެރުވުމުގެ ކުރިން މަޑުއްވަރީ ދާއިރާގެ މެމްބަރަށް އަޅުގަނޑު މާފަށް އެދެން ޖެހޭ، މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެމްބަރަކީ ކޮންމެ ދުވަހަކު ސީދާ ގަޑިއަށް ވަޑައިގެން އަދި މަޖިލީހުގައި ވަގުތު ދެއްވާ އިއްޒަތްތެރި މެމްބަރެއް" ކަމަށެވެ.
މެމްބަރު އާދަމް ޝަރީފްވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައިވެސް ހާޒިރިން 100 އިންސައްތަ ހޯދާފައިކަން ފާހަގަކޮށްލެވެއެވެ.
މެމްބަރު އާދަމް ޝަރީފް ގަޑިއަށް ވަޑައިގެން މަޖިލީހަށް ވަގުތު ދެއްވާތީ މަޖިލިސް ރައީސްގެ ތަޢުރީފް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ