މާޗު މަހުން ފެށިގެން ވިޔަފާރިތަކަށް ކަރަންޓު ސަބްސިޑީ ދިނުން ހުއްޓާލަނީ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ރައްޔިތުންނަށް ދެމުންގެންދާ ކަރަންޓު ސަބްސިޑީގެ ތެރެއިން ވިޔަފާރީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނަށް ދެމުންގެންދާ ކަރަންޓު ސަބްސިޑީ، އަންނަ މާޗު އެއްވަނަ ދުވަހުން ފަށައިގެން ހުއްޓައިލާނެ ކަމަށް އެންސްޕާ އިން ބުނެފި އެވެ.
އެންސްޕާ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާޗު މަހުގެ އެއްވަނަ ދުވަހު ވިޔަފާރީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނަށް ދެމުންގެންދާ ކަރަންޓު ސަބްސިޑީ ހުއްޓައިލާއިރު ޑޮމެސްޓިކް މީޓަރު ބޭނުންކުރައްވައިގެން ވިޔަފާރި ކުރައްވާ ފަރާތްތަކުން ވެސް ޑޮމެސްޓިކް މީޓަރު ވިޔަފާރި މީޓަރަށް ބަދަލު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
އަދި އެކަމުގެ މަސައްކަތްތައް ކަރަންޓުގެ ހިދުމަތް ދެެއްވާ ސްޓެލްކޯ އަދި ފެނަކަ ކޯޕަރޭޝަނާ ގުޅިގެން ކުރިއަށް ގެންދިއުމަށް ވެސް އެންސްޕާއިން ވަނީ ބުނެފައެވެ.
މާޗު މަހުގެ އެއްވަނަ ދުވަހު ވިޔަފާރީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނަށް ދެމުންގެންދާ ކަރަންޓު ސަބްސިޑީ ހުއްޓައިލާއިރު ކަރަންޓު ސަބްސިޑީގެ ރީރަޖިސްޓްރޭޝަން ފޯމް ބައެއް ފަރާތްތަކުން އަގު ނަގައިގެން ފުރަމުން ގެންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ވެސް އެންސްޕާއިން ވަނީ މިއަދު ބުނެފައެވެ.
އެންސްޕާއިން ބުނީ، ކަރަންޓު ސަބްސިޑީގެ ރީ ރަޖިސްޓްރޭޝަން ފޯމު ފުރުމުގައި ދަތިވާ ފަރާތްތަކަށް އެއްވެސް އަގަކާ ނުލައި ފޯމު ފުރުމުގެ އެހީތެރިކަން ރީ ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ގެންދާ ދަރުބާރުގެއިން ލިބެން ހުންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ