ދުންޔާ މައުމޫން ފޮރިން މިނިސްޓަރުކަމުން އިސްތިއުފާދެއްވުމަށްފަހު ޓްވިޓަރއަށް

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރުކަމުން މިއަދު އިސްތިއުފާދެއްވި ދުންޔާ މައުމޫން، ސިޔާސީ ހަރަކާތްތަކާއި އިޖުތިމާއީ މައްސަލަތަކާމެދު އެންމެ ހަލުއިކަމާއެކު ބަހުސްކުރެވޭ އެއް ޕްލެޓްފޯމް ކަމުގައިވާ ޓްވިޓަރ ބޭނުން ކުރައްވަން އަމަލީގޮތުން މިރޭ ފައްޓަވައިފިއެވެ.
2013 ވަނަ އަހަރުގެ އެޕްރީލް މަހު ޓްވިޓަރއަށް ފުރަތަމަ ވެންނެވި ނަމަވެސް، ހައްކަ ޕޯސްޓަކަށް ލައިކްޖެއްސެވުން ފިޔަވައި އިތުރު ހަރަކާތެއް ޓްވިޓަރގައި ހިންގަވާފައި ނުވާ ދުންޔާ މައުމޫން މިރޭ ވަނީ ބިސްމީގެ ބަރަކާތުން ޓްވީޓްކުރައްވަން ފައްޓަވާފައެވެ.
ބެލެވޭގޮތުގައި އެއީ ދުންޔާ މައުމޫންގެ އަސްލު އެކައުންޓެކެވެ. އެންމެ 130 މީހުން ފޮލޯކުރައްވާ ރައީސް މައުމޫންވެސް ދަނީ ޓްވިޓަރގައި ދުންޔާގެ އެ އެކައުންޓް ފޮލޯކުރައްވަމުންނެވެ. އެހެންނަމަވެސް، އެ އެކައުންޓްގެ ސައްޙަކަން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.
ކުރީގެ މިނިސްޓަރު ދުންޔާ މައުމޫން ޓްވިޓަރ ބޭނުންކުރައްވަން އަމަލީގޮތުން ފައްޓަވާފައި މިވަނީ، ރާއްޖޭގެ ސިޔާސީ މަސްރަޙު ނުހަނު ހޫނުވެފައިވާ ދަނޑިވަޅެއްގައި، މަރުގެ ހުކުމާ ދެކޮޅު ހެއްދެވުމުގެ ގޮތުން މިއަދު ރައީސް ޔާމީންގެ ކެބިނެޓުން އިސްތިއުފާ ދެއްވުމަށް ފަހުގައެވެ. އެހެންކަމުން، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާބެހޭގޮތުން ދުންޔާ ދެކިލައްވާ ގޮތްތައް ޓްވިޓަރ މެދުވެރިކޮށް ކުރިޔަށް އޮތްތަނުގައި ފެނިގެން ދާނެކަމަށް ވަނީ ލަފާކުރެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ