މިނިވަންދުވަހުގެ ހަރަކާތްތަކުގައި ރައީސް މައުމޫން ބައިވެރިވެ ވަޑައިނުގަންނަވާނެ

މިއަހަރުގެ މިނިވަންދުވަހުގެ ހަރަކާތްތަކުގައި ކުރީގެ ރައީސް، އަދި ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމް ބައިވެރިވެ ވަޑައި ނުގަތުމަށް ނިންމައިފިއެވެ.
މިރޭ 11:15 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ނިންމާފައިވާ ދިދަ ނެގުމުގެ ރަސްމިއްޔާތަށް ރައީސް މައުމޫނަށް ދައުވަތު އެރުވިފައި ވީނަމަވެސް މި ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެ ނުލައްވާނެކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް މި ރަސްމިއްޔާތުގައި މައުމޫން ބައިވެރިވެ ވަޑައިނުގަންނަވާ ސަބަބު މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
މިނިވަން ދުވަހުގެ އިހްތިފާލުތައް ރައީސް މައުމޫން ބޯއިކޮޓް ކުރައްވާފައިވާއިރު، އެމަނިކުފާނާއި، ރައީސް ޔާމީން އާއި ދެމެދު ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ޕީޕީއެމް އިސްލާހު ކުރުމަށް ޚާއްސަ ޕްރޮގްރާމެއް ރައީސް މައުމޫން މިހާރު ފައްޓަވާފައިވާއިރު، ޕީޕީއެމްގެ ތެރޭގައިވެސް ދެ ފެކްޝަނެއް އުފެދިފައިވާ މަންޒަރު ފެނެއެވެ.
މިނިވަންދުވަހުގެ ރަސްމީ އިހްތިފާލުތަކުގައި ރައީސް މައުމޫނު ބައިވެރިވެ ވަޑައިނުގަތުމަށް ނިންމަވާފައިވާއިރު، މި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި، ރައީސް މައުމޫނުގެ ބޭފުޅުން ވަނީ މަޤާމުތަކުން އިސްތިއުފާ ދެއްވައިފައެވެ. މީގެ އިތުރުން ޕީޕީއެމްގެ މަޖިލިސް މެންބަރު އަދި މައުމޫނުގެ ދަރިކަލުން ފާރިޝް އާއި ޕީޕީއެމްގެ ޕީޖީ ގުރޫޕާއިމެދުވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ