ރައްޔިތުން އެދެނީ އަބަދުވެސް ފުލުހުންނާ އެކުގައި ދެމި ތިބުމަށް: ސީޕީ

ފުލުހުންގެ ޚިދުމަތް ބަދުނާމުކުރުމަށް ދައްކާ ވާހަކަތަކަށް ގިނަ ދިވެހިން މިހާރު މަލާމާތް ކުރާކަމަށް ޤަބޫލު ކުރައްވާ ކަމަށާއި އޭގެ ބަދަލުގައި ރައްޔިތުން އެދެނީ އަބަދުވެސް ފުލުހުންނާ އެކުގައި ދެމި ތިބުމަށް ކަމަށާއި ފުލުހުންނާ ރައްޔިތުން ވަނީ ގުޅިލާމެހިންގެ މަސައްކަތްކުރާ ބައެއްގެ ގޮތުގައި ވެފައި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވެއްޖެއެވެ
މާލެ އަތޮޅު ގާފަރު ކައުންސިލްގެ މެމްބަރުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ފުލުހުންގެ ޚިދުމަތް ރާއްޖޭގައި މިއަދު ރައްޔިތުން ބަލައިގަންނަނީ އެމީހުންގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
ޙުސައިން ވަޙީދު ވިދާޅުވީ މީގެ ކުރިން އެކިއެކި ކެމްޕެއިންތަކުގެ ސްލޯގަންތަކުގެ ގޮތުގައި ފުލުހުންގެ އަނިޔާވެރިކަމޭ، ގޯސް ކަމޭ، ކިޔައިގެން ބައެއް ފަރާތްތަކުން ވާހަކަ ދެއްކި ނަމަވެސް އެވާހަކަތައް ތާރީޚުގެ ތެރެއަށް ވަދެ ފަނޑުވެ ފޮހެވެމުންދަނީ ފުލުހުންގެ ޚިދުމަތް ރާއްޖޭގެ ކަންކޮޅުތަކުގައި ރައްޔިތުން އެދޭފަދަ ގޮތަކަށް ދެމުން ދާތީކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
މިބައްދަލުވުމުގައި ވާހަކަ ފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މާތްﷲ އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންނަށް ޚިދުމަތްކޮށް، މިޤައުމުގައި ޞުލްޙަ މަސަލަސްކަން ޤާއިމްކޮށް، ރައްޔިތުންނަށާ މިޤައުމަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައި ދިނުމުގެ ފަންވަރު ދިވެހި ފުލުހުންގެ ކިބައިގައި އެބަހުރި ކަމަށެވެ.
ގާފަރު ކައުންސިލްގެ އެދުމާއެކު ބޭއްވި މިބައްދަލުވުމުގައި ގާފަރު ކައުންސިލުން ވަނީ ފުލުހުންގެ ޚިދުމަތް ގާފަރުގައި ޤާއިމްކޮށް ދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދަށް ދަންނަވާފައެވެ. ގާފަރު ކައުންސިލްގެ މެމްބަރުން ފާހަގަ ކުރެއްވިގޮތުގައި ގާފަރާ ކާށިދޫ އަކީ މުޅިން ވަކިން އޮންނަ ދެ ރަށް ކަމަށްވުމާއެކު ވަރަށް ގިނަ ކަންތައްތަކުގައި ބޮޑެތި ދަތިތައް ހުރެއެވެ. ވަކިން ޚާއްޞަކޮށް ރަށުގައި ކުށުގެ ޢަމަލެއް ހިނގައިގެން ރިޕޯޓް ކުރިނަމަވެސް ދަތުރު ފަތުރުގެ ގޮތުން ދަތިތައް ހުރުމާއެކު ފުލުހުންނަށް އެރަށަށް ހާޒިރުވާނަ ދަތިވާކަން ކައުންސިލުން ފާހަގަ ކުރެއްވިއެވެ.
ކައުންސިލްގެ ހުށަހެޅުމާއެކު ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުންގެ ޚިދުމަތް ގާފަރުގައި ޤާއިމް ކުރުމަކީ މިހިނދުން މިހިނދަށް އަދި އެހާ ފަސޭހަ ކަމަކަށް ނުވިނަމަވެސް ފުލުހުންގެ ޚިދުމަތް ގާފަރުގެ ރައްޔިތުންނަށް ދެވޭނެ ގޮތްތަކެއް ބަލައި ގާފަރުގައި ޙަރަކާތްތަކެއް ކުރިޔަށް ގެންގޮސް ދެއްވާނެ ކަމަށެވެ. އަދި ރައްޔިތުން އެދޭފަދައިން ގާފަރުގެ ވެށި އަމާން ކުރުމަށް ކުރެވެންހުރި ކަންކަން ފުލުހުން ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ގާފަރު ކައުންސިލަށް ކޮމިޝަނަރ އޮފް ޕޮލިސް ދެއްވިއެވެ.
މިބައްދަލުވުމުގައި ގާފަރު ކައުންސިލްގެ ރައީސް އާދަމް ޒާހިދު އާއި ކައުންސިލްގެ މެމްބަރުންނާއި މާލެ އަތޮޅު ކައުންސިލްގައި ކާށިދޫ ދާއިރާ ތަމްސީލް ކުރައްވާ މެމްބަރަކާއި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ފައިޞަލް ނަސީމުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އާއި ފުލުހުންގެ އިސް ބައެއް އޮފިސަރުންނާއި ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަން ކޮމާންޑަރާއި މާލެ އަތޮޅު ކޮމާންޑަރާއި ކާށިދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް ބައިވެރިވެލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ