ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން އުފުލި ޖިނާއީ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފި އެވެ.
މާދަމާ ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައި ވަނީ 14:00 ގަ އެވެ
ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން އުފުލި ޖިނާއީ ދައުވާގައި ހަވާލާދީފައިވާ މައްދާ ބާތިލް ކުރުމަށް އުމަރުގެ ފަރާތުން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ އެދިވަޑައިގެންފަ އެވެ.
އުމަރު ނަސީރުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އާންމު ގާނޫނުތަކުގެ އަށް ވަނަ މާއްދާގެ ދެވަނަ ނަންބަރާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.
މި މައްސަލައިގަ އެންމެފަހުން ބޭއްވި އަޑުއެހުމުގައި އުމަރުގެ ވަކީލު އާދަމް އާސިފް ވިދާޅުވީ މިހާރު މިއޮތް ގާނޫނު އަސާސީގެ ދަށުން އެ ދައުވާ ނުކުރެވޭނެ ކަމަށާއި އެހެންކަމުން ހަވާލާދީފައިވާ ގާނޫނުގެ މާއްދާއާއި ގާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި ފުށުއަރާތީ އެމާއްދާ އުވާލަ ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ދައުލަތުން އުމަރުގެ މައްޗަށް އެ ދައުވާކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި، ސިފައިންގެ މަރުކަޒަށް ހަރުގަނޑު ބަހައްޓައިގެނ ވަނުމަށް ގޮވާލި މައްސަލައިގަ އެވެ.
އެމްއެމްއޭ ސަރަހައްދުގައި ގުރެ އުމަރު ގޮވާލައްވާފައި ވަނީ ސިފައިންގެ މަރުކަޒުގެ ބޭރުގައި ހަރުގަނޑު ލައްގައިގެން އެތަނަށް މީހުން ވަނުމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ރައީސް ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އުމަރު ފުލުސް އޮފީހަށް ވެސް ހާޒިރުކުރި އެވެ. އަދި ފުލުހުން އުމަރު ހައްޔަރުކުރުމަށް ކޯޓު އަމުރެއް ހޯދަން މަސައްކަތްކުރި ނަމަވެސް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ވަނީ އެފަދަ އަމުރެއް ދެވެން ނެތް ކަމަށް ނިންމައިފަ އެވެ.
އަމުރަށް ނުކިޔަމަންތެރިވުމުގެ އަދަބަކަށް ގާނޫނުލް އުގޫބާތުގައި އޮންނަނީ ގިނަވެގެން 150ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން، އަރުވާލުން ނުވަތަ ގޭ ބަންދު ކުރުމެވެ.
އުމަރު ނަސީރުގެ މައްސަލަ މާދަމާއަށް ތާވަލު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ