އަދީބާއި ހުސެއިން އަށް ފިޔަވަޅު އަޅަން ރައީސަށް ފަސޭހައެއް ނުވި: އުމަރު

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލައަށް ފަހު، ނައިބު ރައީސް އަހުމަދު އަދީބާއި ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދާ މެދު ފިޔަވަޅު އަޅުއްވަން ރައީސަށް ފަސޭހަފުޅު ނުވި ކަމަށާއި އެކަމަކު އެންމެ ފަހު ވަގުތު އެކަން ކުރެއްވީ ވަރަށް ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ކަމަަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ރައީސް އަވަހާރަކޮށްލަން މީގެ އެއްމަސް ކުރިން ދިން ހަމަލައިގެ ތުހުމަތުގައި ނައިބު ރައީސް އަދީބު ވަނީ މިދިޔަ ހޮނިހިރުދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ރައީސް ވަނީ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް މަގާމުން ވަކިކުރައްވައި، ފުލުހުންގެ ތެރޭގެ ބައެއް މައްސަލަތަކާ ގުޅިގެން ކޮމިޝަަނަރު ހުސެއިން ވަހީދު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިދިޔަ ހުކުރުދުވަހު ބަދަލުކުރައްވައިފަ އެވެ. މީގެ އިތުރުން ދެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ މުހައްމަދު ސޯދިގު ލޯ އެންޑް ޖެންޑާގެ ޑެޕިއުޓީ މިނިސްޓަރަކަށް އަދި ހަސަން ހަބީބް ހައުސިންގެ ޑެޕިއުޓީ މިނިސްޓަރަކަށް ރައީސް ވަނީ އެ ދުވަހު ބަދަލުކުރައްވައިފަ އެވެ. އަދި އެމްއެންޑީއެފްގެ ބައެއް މަގާމުތަކަށް ވެސް ވަނީ ބަދަލު ގެންނަވައިފަ އެވެ. ނައިބު ރައީސް އަދީބުގެ ސިޔާސީ ހަޔާތް ދައްކުވައިދޭ ގްރެފިކްސް އެއް މިދިޔަ ހޯމަދުވަހު "ހަވީރާ" ވާހަކަ ދައްކަވަމުން، ރައީސްގެ "ފިނިފެންމާ" ލޯންޗްކޮޅުގައި ބޮން ގޮއްވި ހާދިސާ ބެލުމަށް އުފައްދާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަން (އެންއައިސީ)ގެ ކޯޗެއާ އުމަރު ވިދާޅުވީ، އަދީބާއި ހުސެއިން އަކީ ވެސް ރައީސް ޔާމީން ވަރަށް ބޮޑަށް އިތުބާރު ކުރެއްވި ދެ ބޭފުޅުން ކަމަށްވާއިރު، އެ ދެބޭފުޅުންނާ މެދު އެފަދަ ފިޔަވަޅެއް އެޅުއްވުމަކީ ރައީސަށް ފަސޭހަފުޅު ކަމަކަށް ނުވި ކަމަށެވެ. އުމަރު ވިދާޅުވި ގޮތުގައި ހުސެއިންގެ ބައެއް ކަންކަން ހުންނަ ގޮތުން އެ ވާހަކަތައް އަބަދުވެސް ރައީސަށް އޭނާ ދަންނަވަ އެވެ. "އެއް ފަހަރަށް ވުރެން ގިނައިން ހުންނާނެ އެ ވާހަކަތައް ރައީސަށް ދަންނަވާފައި. އެކަމަކު އޭރު ރައީސް ގަބޫލުފުޅެއް ނުކުރެއްވި،" އުމަރު ވިދާޅުވި އެވެ. "ރައީސްގެ އިތުބާރު މީހަކު ހޯދައިފިއްޔާ ދެން ވަރަށް ބޮޑަށް ގަބޫލު ކުރައްވާނެ އެހެން ގޮތަކަށް ސާބިތު ނުވާހާ ހިނދަކު. އެއީ ބައިވަރު ފާޑުފާޑުގެ ވާހަކަ މީހުން ދައްކާނެ ކޮންމެ މީހަކާ ބެހޭ ގޮތުން ވެސް. އަޅުގަނޑާ ބެހޭ ގޮތުން ވެސް ބައިވަރު ވާހަކަ [ރައީސާ ހަމައަށް] އަބަދުވެސް މީހުން ގެންދޭ. އެކަމަކު މީހަކު އެހެން ގެންދާހާ ވާހަކައެއް ރައީސް ގަބޫލެއް ނުކުރައްވާނެ. އެހެންވީމާ ކަމަށް ވެދާނެ ހުސެއިންގެ ވާހަކަ އަޅުގަނޑުމެން ދެއްކީމާ ގަބޫލު ނުކުރައްވަނީ." ރައީސް މި މަހުގެ 11 ގައި ފުލުހުންގެ އިސް ވެރިންނާ ބައްދަލު ކުރެއްވުމަށް ފަހު ފުލުސް އޮފީހުން ނުކުމެވަޑައިގަންނަވާއިރު ސީޕީ ހުސެއިނާއި (ވ) ޑެޕިއުޓީ ކޮމިޝަނަރު ސައުދީ (ކ) ފުލުސް އޮފީހުގެ މައި ދޮރުމަތީގައި އުމަރު ވިދާޅުވީ ހުސެއިންއާ މެދު ފިޔަވަޅު އެޅުއްވުމުގެ ކުރިން ވެސް ރައީސް "ވަރަށް ބޮޑަށް މަޑުކުރެއްވި" ކަމަށެވެ. ސަބަބަކީ އެއީ ސައްހަ ވާހަކަތަކެއްތޯ ބެއްލެވުމަށެވެ. އުމަރު ފާހަގަ ކުރެއްވި ގޮތުގައި ހުސެއިންއާ މެދު ރައީސް ފިޔަވަޅު އެޅުއްވީ ސަރުކާރުގެ އެތެރެއިންނާއި ބޭރުން ވެސް މައުލޫމާތުތައް އެއްކުރެއްވުމަށް ފަހުގަ އެވެ. އަދީބަކީ ތިމަންނަ މިހާ ހިސާބަށް އެންމެ ބޮޑަށް އިތުބާރުކުރި މީހާއޭ. ދަ ޕާސަން އައި ޓްރަސްޓެޑް މޯސްޓްއޭ [ރައީސް] ވިދާޅުވީ.-- އުމަރު އުމަރު ވިދާޅުވީ ލޯންޗްކޮޅުގައި ބޮން ގޮއްވި ހާދިސާއަށް ފަހު، ޕޮލިސް ކޮމިޝަނަރު ކަމުން ހުސެއިން ވަކިކުރައްވަން ޖެހޭ ކަމަށް ވަރަށް ކުރީކޮޅު ރައީސަށް ދެންނެވި ކަމަށެވެ. "އެކަމަކު ރައީސް އެ ޑިސިޝަން ނުނަންގަވައި، އެއްކުރައްވަން ޖެހޭ މައުލޫމާތު އެއްކުރައްވަން މަޑުކުރެއްވީ. އެންމެ ފަހު މިނިޓްގައި ފިޔަވަޅު އެޅުއްވީ. އަޅުގަނޑު ދެކޭގޮތުގައި އެއީ މިފަހަކަށް އައިސް ރައީސުލްޖުމްްހޫރިއްޔާއަކު ނަންގަވަން ޖެހުނު އުނދަގޫ ޑިސިޝަންތަކުގެ ތެރެއިން އެންމެ އުނދަގޫ ޑިސިޝަންތައް މިދިޔަ އެއް މަސް ތެރޭގައި ޔާމީން އެ ނެންގެވީ،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕޮލިސް ކޮމިޝަނަރާއި ދެ ޑެޕިއުޓީ ކޮމިޝަނަރުން އެހެން މިނިސްޓްރީއަކަށް ބަދަލުކުރެއްވުމުން އެނގެނީ ރައީސް ޔާމީންގެ "އިހުސާންތެރިކަމެ"ވެ. އުމަރު ވިދާޅުވީ އޭނާ ވެސް ރައީސަށް ލަފާއެރުވީ އެކަން އެގޮތަށް ކުރުމަށް ކަމަށެވެ. އުމަރު ވިދާޅުވީ އަދީބު ހައްޔަރުކުރީ ރައީސް ޔާމީންގެ އަމިއްލަފުޅު ނިންމެވުމަކަށް ނޫން ކަމަށެވެ. އެ ފިޔަވަޅު އެޅުއްވީ އޭނާ ވިދާޅުވިގޮތުގައި ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމަކަށް ފަހު، ހުރިހާ ބޭފުޅުންގެ އިއްތިފާގުންނެވެ. އެ ބައްދަލުވުން ބާއްވައި، އެއްބަސްވުމަކަށް އައީ އަދީބު ހައްޔަރުކުރުމުގެ "ދުވަސްކޮޅެއް ކުރިން" ކަމަށް އޭނާ ވިދާޅުވި އެވެ. ނައިބު ރައީސް އަހްމަދު އަދީބު މިދިޔަ ހޮނިހިރުދުވަހު ސިންގަޕޫރުން މާލެ ވަޑައިގެން މަތިންދާބޯޓުން ފައިބައިވަޑައިގަންނަވަނީ: މި ތަނުން ހައްޔަރުކޮށްގެން ދޫނިދުއަށް ވަނީ ގެންގޮސްފައި. "އަޅުގަނޑަށް އެނގޭ މިކަން [އަދީބު ހައްޔަރުކުރުން] މިހެން ދާނެކަން. އެކަމަކު ސީދާ އެ ޑިސިޝަނާ ހަމައަށް ސީދާ އަތުވެދާނެ ކަމަށް ރައީސްގެ ހިތްޕުޅުގައި ހުރެދާނެ ކަމަކަށް އަޅުގަނޑު ނުދެކެން. އެކަމަކު އެ ދިމާލަށް ދަތުރުކުރުމާއި ހުރިހާ ހެކިތައް އެއްކުރަމުންދާ ކަން ރައީސަށް އެނގިވަޑައިގަންނަވާނެ. ކޮންމެ ދުވަހަކު އެ މައުލޫމާތުތައް ރައީސަށް ޕަމްޕް ކުރަމުން ދިޔައީ. އެ ހުރިހާ މައުލޫމާތުތަކުން އެނގުނީ ނައިބު ރައީސާ ދިމާލަށް ކައިރިވަމުން ދިޔަ ތަން،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން، އަދީބަށް އިތުބާރު ކުރައްވާ މިންވަރު ހާމަވީ، އަދީބު ހައްޔަރު ކުރުމަށް ފަހު، ކެބިނެޓްގެ ވައިބަ ގުރޫޕްގައި ލިޔުއްވި މެސެޖަކުން ކަމަށެވެ. އަދީބު ހައްޔަރުކުރިކަން ކެބިނެޓްގެ ބޭފުޅުންނަށް އެންގެވުމަށްޓަކައި ކުރެއްވި އެ މެސެޖްގައި ރައީސް ވިދާޅުވީ އެއީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި އެޅުއްވި އެންމެ އުނދަގޫ ފިޔަވަޅު ކަމަށެވެ. ރައީސަށް ދިން ހަމަލައިގެ މައްސަލަ ބަލާ ކޮމިޝަނުން އެންމެ ފަހުން ބޭއްވި ނިއުސް ބްރީފިންގައި އުމަރު ވާހަކަ ދައްކަވަނީ.---ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން "އަދީބަކީ ތިމަންނަ މިހާ ހިސާބަށް އެންމެ ބޮޑަށް އިތުބާރުކުރި މީހާއޭ. ދަ ޕާސަން އައި ޓްރަސްޓެޑް މޯސްޓްއޭ [ރައީސް] ވިދާޅުވީ. މޯސްޓް ވެސް އޮތީ ލިޔުއްވާފައި ވަނީ ކެޕިޓަލް އަކުރުން. އެހެންވީމާ އަދީބު ހައްޔަރު ކުރުމަކީ [ރައީސަށް] ފަސޭހަ ކަމަކަށް ނުވޭ،" އުމަރު ވިދާޅުވި އެވެ. "އެހާ އިތުބާރު ކުރި މީހަކު އެވަރުގެ ނުރައްކާތެރިކަމެއް ރޭވީމާ ވަރަށް އުނދަގޫ ކަމަކަށް ރައީސަށް ވާނެ. އަޅުގަނޑުމެން ދުށިން އަދީބަށް ރައީސް އިތުބާރު ކުރެއްވި ވަރު." އުމަރު ވިދާޅުވީ ސަރުކާރުގެ ތެރެއިން ބޮޑެތި ބަދަލުތަކެއް ގެންނަވައި ބޮޑެތި ފިޔަވަޅުތަކެއް ރައީސް އަޅުއްވަމުން ގެންދަވަނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށާއި އެއާއެކު ކެތްތެރިކަން ވަރަށް ބޮޑަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އުމަރު ވިދާޅުވީ، "ވަގުތުން އެތައް ފިޔަވަޅެއް" އަޅަން ރައީސަށް އޭނާ ދެންނެވި ކަމަށެވެ. އެހެން ނަމަވެސް ލޯންޗްގައި ގޮއްވި މައްސަލާގައި ރައީސް ފިޔަވަޅު އަޅުއްވަމުން ގެންދެވީ މަޑުމަޑުން، ކެތްތެރިކަމާއެކު ކަން އުމަރު ފާހަގަ ކުރެއްވި އެވެ. "ފިޔަވަޅުތައް އެ އަންނަނީ ވަރަށް މަޑުމަޑުން. ވަރަށް ލަސްކޮށް. އެއިން އެނގޭ އެއްޗަކީ މި ހާލަތުގައި ވެސް ރައީސްގެ ސިކުނޑިފުޅު ވަރަށް ރަނގަޅަށް މަސައްކަތް ކުރާކަން. އެ ހާދިސާގެ ސަބަބުން [ރައީސް] ކުއްލިއަކަށް އިމޯޝަނަލްވެގެން، ކުއްލިއަކަށް ނުކުމެ ހެދޭނުހެދޭއެއް އެނގިވަޑައިނުގެން، ގޮތް ނޭނގިގެން ފިޔަވަޅު އެޅީކީ ނޫނޭ،" އުމަރު ވިދާޅުވި އެވެ. "ވަރަށް ކަލްކިއުލޭޓެޑް ޑިސިޝަންސް އެ ނަންގަވަނީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ