ޕެރޯލް ބޯޑު އަލުން އެކުލަވާލައި ޗެއާމަނަކަށް ޑރ. އަލީ ޝާހިދު

ޕެރޯލް ބޯޑު އަލުން އެކުލަވާލައި، ޗެއާމަނަކަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ލެފްޓިނެންޓް ކާނަލް ޑރ. އަލީ ޝާހިދު ހަމަޖައްސަވައިފި އެވެ. ޕެރޯލް ބޯޑު، ރައީސް މުހައްމަދު ވަހީދު އަލުން އެކުލަވާލައްވާފައި މި ވަނީ ކުރީގެ ސަރުކާރުން ދެ ވަނަ ފުރުސަތު ޕްރޮގްރާމް ފަށައި، އެ ޕްރޮގްރާމްގެ ތެރެއިން ކުށްވެރިން ދޫކުރަމުން ދިއުމާ ގުޅިގެން ޕެރޯލް ބޯޑުގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އެވެ. އެ ބޯޑު އަލުން އެކުލަވާލައްވައި 10 ބޭފުޅަކު ވަނީ އައްޔަންކުރައްވައިފަ އެވެ. ޗެއާމަންގެ އިތުރުން އެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ވައިސް ޗެއާމަނަކަށް، ޑެޕިއުޓީ އެޓާނީ ޖެނެރަލް އައިޝަތު ބިޝާމާއި ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒާއި އިސްލާމިކް މިނިސްޓްރީގެ މުޝްރިފް މުސާއިދު އައްޝައިހް އިއްޒުއްދީން އަދުނާނާއި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ފާތުމަތު މުނާ އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދާއި ސެންޓަ ފޯ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލްގެ ކުރީގެ ސީނިއާ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު އަބްދުލްހަމީދު ހަސަނާއި ކެއާ ސޮސައިޓީގެ ޑިރެކްޓަރު ޝިދާތާ ޝަރީފާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އަންހެނުންގެ ޖަމިއްޔާ (ސްވަޑް)ގެ ރައީސާ ފާތުމަތު އާފިޔާގެ އިތުރުން ޑީޕީއާރުއެސްގެ އެސިސްޓެންޓް ސުޕްރިންޓެންޑެންޓް ހަސަން ޒިލާލެވެ. ބޯޑު މެމްބަރު ޒިލާލް މިއަދު ވިދާޅުވީ ބޯޑުގެ މަސައްކަތް ފަށައި މިހާރު ދެ ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ. ޖަލުތަކުގައި ޕްރޮގްރާމްތައް އެކުލަވާލުމާއި ބޯޑުން ކުރަންޖެހޭ އެހެން މަސައްކަތްތަކަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޕެރޯލްގެ ދަށުން ގައިދީން ދޫކޮށްލަނީ، އެ މީހުންނަށް ކަނޑައަޅާފައިވާ ހުކުމްގެ ވަކި މުއްދަތެއް ތަންފީޒުވެ ނިމުމުން، އެ މީހެއްގެ އުޅުމާއި އަހްލާގާއި ވިސްނުމަށް ބެލުމަށް ފަހު، މުޖުތަމައުގެ ރައްކާތެރިކަން ބެލެހެއްޓޭނެ ގޮތެއްގެ މަތިން އެ މީހަކު މުޖުތަމައަށް އަހުލުވެރިކުރުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ