ނޮޅިވަރަމުން ކަރަންޓު ކެނޑޭތީ އާ އިންޖީނެއް ގެނެސް ދިނުމަށް އެދި އިހުތިޖާޖު ކުރަނީ
ނޮޅިވަރަމުން މިއަދުގެ ހެނދުނުން ފެށިގެން ކަރަންޓު ކެނޑިފައިވާތީ، އެރަށުގެ ބައެއް ރައްޔިތުން އިންޖީނުގެ ދޮށަށް އެއްވެ، އާ އިންޖީނެއް ގެނެސް ދިނުމަށް އެދި އިހުތިޖާޖު ކުރަމުން އެބަދެ އެވެ. ހދ. ނޮޅިވަރަމުން ވާހަކަ ދެއްކި ހުސެއިން ހަބީބު ބުނީ މިއަދުގެ ހެނދުނު 11:30 އިން ފެށިގެން އެ ރަށުން ކަރަންޓު ކެނޑިފައިވާ ކަމަށާއި، އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމަށް އިންޖީނުގެ ދޮށަށް މީހުން އެއްވެފައިވާ ކަމަށެވެ. "މި ރަށަކީ 2،500 މީހުންގެ އާބާދީއެއް އޮންނަ ރަށެއް. މި ރަށަށް ކަރަންޓު ދޭން ހުންނަނީ 200 ކިލޯ ވޮޓްގެ އެންމެ ޖަނަރޭޓަރެއް. އެ ޖަނަރޭޓަރު ހަލާކު ވެގެން މުޅި ރަށުން ކަރަންޓު ދިޔައީ،" ހުސެއިން ބުންޏެވެ. އޭނާ ބުނީ އިންޖީނުގެ ކައިރީގައި އިހުތިޖާޖު ކުރާ މީހުން އެދެމުން ދަނީ އެ އެރަށަށް އާ އިންޖީނެއް ހޯދައިދިނުމަށް ކަމަށެވެ. އަދި އެކަން ކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަންގައި ވެސް އެދިފައިވާނެ ކަމަށް ބުންޏެވެ. "އިހުތިޖާޖު ކުރާ މީހުން ބޭނުންވަނީ އާ އިންޖީނެއް ގެނެސް ދޭނެކަމުގެ ޔަގީންކަން ލިބޭނެ ލިޔުމެއް، އެހެން ނޫނީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން ތިބީ،" ހުސެއިން ބުންޏެވެ. އޭނާ ބުނީ އިންޖީނު ހެދުމުގެ މަސައްކަތް ޓެކްނީޝަނުން ކުރަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަަވަހަށް ކަރަންޓު ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. "އިންޖީނު ހެދުނަސް އިހުތިޖާޖު ހުއްޓާލާނީ އާ އިންޖީނެއް ގެނެސް ދޭނެ ކަމުގެ ޔަގީންކަން ލިބުނީމަ،" އޭނާ ބުންޏެވެ. އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ މި މައްސަލަ ހައްލު ކުރުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަންގެ އިސް ބައެއް ފަރާތްތަކުން އެ ރަށަށް ވަޑައިގަތުމަށް މިހާރު ދަތުރު ފަށާފައިވާކަން އެނގިފައިވާ ކަމަށެވެ. މި މައްސަލާގައި ނޮޅިވަރަމް ކައުންސިލްގެ ބަހެއް ލިބޭނެ ގޮތެއް ވަނީ ނުވެފަ އެވެ. އަދި އިންޖީނުގެ އަށް ގުޅުމުން ބުނީ ފެނަކަ ކޯޕަރޭޝަނަށް ގުޅުމަށެވެ. ނަމަވެސް އެ ކުންފުނިން ވެސް މައުލޫމާތެއް ލިބޭނެ ގޮތެއް އަދި ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ