ގެވެށި އަނިޔާ އިން ރައްކާތެރިކުރުމަށް ދަށު ކޯޓުން ކުރި އަމުރަކަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި

އަނބިމީހާ އަށާއި ދަރިންނަށް އަނިޔާ ނުކުރަން އަންގާ ފިރިމީހާގެ މައްޗަށް ދަށު ކޯޓަކުން ނެރުނު ރައްކާތެރިކުރުމުގެ އަމުރަކަށް ތާއީދުކޮށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ. ހައި ކޯޓުން ތާއީދުކޮށްފައިވަނީ ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކަށެވެ. އެ އަމުރު އެ ކޯޓުން ނެރެފައިވަނީ ފިރިމިހާ އަނބިމީހާ އަށާއި އެ ދެ މީހުންގެ ދެ ދަރިންނަށް އަނިޔާކުރާ ކަމަށް ބުނެ އެކަމުން ސަލާމަތްކޮށްދިނުން އެދި އަނބިމީހާގެ ފަރާތުން ތުޅާދޫ ކޯޓަށް ހުށަހެޅުމުންނެވެ. ފިރިމީހާގެ ފަރާތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން އެ މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން ކުރި ހުކުމުގައިވަނީ ގެވެށި އަނިޔާގެ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ހިނގާފައި އޮންނަ ކަންކަމަށް ވެސް އެ ގާނޫނުގެ ދަށުން އެފަދަ އަމުރެއް ނެރެވިދާނެ ކަމަށެވެ. އަދި އެގޮތަށް އަމުރު ނެރުމަކީ ކުރިން ކޮށްފައި އޮތް ކުށަކަށް ފަހުން ހެދޭ ގާނޫނުގެ ދަށުން އަދަބު ނުދެވޭނެ ކަމަށް ގާނޫނު އަސާސީގައި އޮންނަ އުސޫލާ ފުށުއަރާ ކަމެއް ނޫން ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. ގެވެށި އަނިޔާގެ ގާނޫނުގެ ދަށުން ނެރޭ އެފަދަ އަމުރަކަށް އެ އަމުރު ރައްދުވާ ފަރާތުން ހިތްހަމަނުޖެހޭނަމަ އެކަމާމެދު ފުރަތަމަ ޗެލެންޖް ކުރަންޖެހޭނީ އެ އަމުރު ނެރުނު ކޯޓުގައި ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އެގޮތަށް އަމަލު ނުކޮށް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރުމަކީ އަމުރު ރައްދުވާ ފަރާތަށް އޮތް ފުރުސަތެއް ކަމަށް ބެލެވެން ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެހެންކަމުން ތުޅާދޫ ކޯޓުން ނެރެފައިވާ ރައްކާތެރިކަން ދިނުމުގެ އެ އަމުރަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ހައި ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ. ގެވެށި އަނިޔާ ގާނޫނުގެ ދަށުން ނެރޭ ރައްކާތެރިކުރުމުގެ އަމުރެއް ނިސްބަތްވާ މީހަކު، ރައްކާތެރިކުރެވިގެންވާ މީހާ އަށް ޖިސްމާނީ ގޮތުންނާއި ޖިންސީ ގޮތުން އަނިޔާކުރުމާއި އެ މީހާގެ މުދަލަކަށް ގެއްލުންދިނުމާއި ނަފްސާނީ ގޮތުން އަނިޔާކުރުމާއި މިފަދަ އެއްވެސް އަމަލެއް ކޮށްފާނެ ކަމުގެ ބިރުދެއްކުމާއި މިއިން ކަމެއް އެހެން މީހަކު މެދުވެރިކޮށް ކުރުވުމަކީ ވެސް ގެވެށި އަނިޔާ ގާނޫނުގެ ދަށުން މަނާ ކަމެކެވެ. އަދި އެއް ގެއެއްގައި އުޅޭ ދެ މީހަކު ނޫން ނަމަ މުއާމަލާތްކުރުން މަނާކުރުމުގެ ގޮތުން ވެސް ކޯޓަށް ކަންތައްތަކެއް ލާޒިމްކުރެވިދާނެ އެވެ. ރައްކާތެރިކުރުމުގެ އަމުރާ ޚިލާފްވުމަކީ ގާނޫނީ ކުށަކަށް ވާއިރު އެފަދަ އަމުރަކާ ޚިލާފްވެއްޖެ މީހަކު ހަ މަސް ދުވަހަށް ޖަލަށް ލުން ނުވަތަ 15،000 ރުފިޔާ އިން ޖޫރިމަނާކުރާނެ އެވެ. އަދި ކުށް ތަކުރާރުކުރާ ވަރަކަށް އަދަބު ދާނީ ބޮޑުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ