ރިޔާސީ ކޮމިޝަން ވަގުތުން އުވާލުމަށް ޤައުމީ ޕާޓީން ރައީސަށް ގޮވައިލައިފި

14:30ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަ މުސާރަ ދެވޭނެ ފައިސާ ނެތިގެން އުޅޭއިރު، ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ހަރުދަނާކަމެއް ނެތް ގޮތަކަށް ރިޔާސީ ކޮމިޝަނެއް އުފައްދައިގެން ސަރުކާރަށް ނާޖާއިޒު ފައިދާ ނެގުމުގެ ބަދަލުގައި، އެ ފައިސާއިން ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ކުރުމަށްޓަކައި ރިޔާސީ ކޮމިޝަން ވަގުތުން އުވާލުމަށް ޤައުމީ ޕާޓީން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ގޮވާލައިފި އެވެ.އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދައުލަތުގެ ފައިސާ އާއި މުދަލަށް ބޮޑެތި ޚިޔާނާތްތައް ވެފައިވާ ކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރުމުގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ކޮމިޝަނެއް އުފެއްދެވީ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރެއްވުމަށް ކަމަށެވެ. އަދި ރިޔާސީ ކޮމިޝަނަށް އަހަރުވެގެން ދިޔައިރު ވީ އެއްވެސް ކަމެއް ނެތްއިރު ސަރުކާރަށް ވާގިވެރިވާ އެތައް ބަޔަކަށް ދައުލަތުގެ ބަޖެޓުން ދަނީ ބޮޑު މުސާރަދެމުން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ރިޔާސީ ކޮމިޝަނަކީ އިދިކޮޅު ސިޔާސީ ފަރާތްތައް ސަރުކާރަށް ލެންބުމަށްޓަކައި ރައީސް ނަޝީދު ޖެއްސެވި މަޅިއެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެ ކޮމިޝަނަކީ، ސަރުކާރު ހިންގާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބުމުން، ސިޔާސީ ދެކޮޅުވެރިންނަށް އަނިޔާވެރިވުމަށް ކޮށި މަގެއް ކަމަށް، މި ސަރުކާރުގެ ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދު ސިފަކުރައްވާފައިވާ ކޮމިޝަނެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.އެ ބަޔާނުގައި އަދި ބުނެފައި ވަނީ ކޮމިޝަނަށް ޢައްޔަންކުރެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންނަށް އިޚްލާސްތެރި ބޭފުޅުން އެ ކޮމިޝަނުން ވަކިވެވަޑައިގެންނެވުމުން، ރިޔާސީ ކޮމިޝަނަކީ ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ސަރުކާރުން ނާޖާއިޒު ފައިދާތަކެއް ހާސިލް ކުރުމަށް އުފައްދާފައިވާ ކޮމިޝަނެއްކަން ދޭހަވާ ކަމަށް. އަދި ކޮމިޝަން އުފެދިގެން އައިރު ހިޔާނާތްތެރިންކަމަށް ސިފަކުރި ގިނަ ފަރާތްތައް، ކުލަ އާއި ރާގު ބަދަލުކުރުމުން ކޮމިޝަނުން ބަލަމުން އައި، އެ ފަރާތްތަކުގެ މައްސަލަތައް ނުހިންގައި ހުއްޓާލާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެގޮތަށް ކަންތައް ދާނަމަ އާހިރުގައި ކޮމިޝަން ވެގެންދާނީ، ޚިޔާނަތްތެރިވި ކަމަށް މި ސަރުކާރުން ބުނާ މީހުން ޚިޔާނާތްތެރިނުވާ ބައެއް ކަމަށް ބަދަލުކުރާ ކޮމިޝަނަކަށް ކަމުގައި ވެސް ގައުމީ ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ