ކޮމިޓީގެ މަސައްކަތަށް ހުރަސް އަޅާ ކޮންމެ މީހަކީ ބަޣާވާތުގެ ބައިވެރިއެއް: އަލީ ވަހީދު

ކޯނީގެ ރިޕޯޓު ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އަޅާ ކޮންމެ މީހަކީ ބަޣާވާތުގެ ބައިވެރިއެއް ކަމަށް އެކޮމިޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ސަރުކާރުގެ އިސްވެރިންނާއި ދިފާއީ ބާރުތަކުގެ ވެރިން ހާޒިރުނުވާނެ ކަން ސަރުކާރުން އަންގާފައިވާތީ ރައްދު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ކޮމިޓީގެ މަސައްކަތްތަކަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށާއި ކޮމިޓީން ދެން އަޅަން ޖެހުނު ފިޔަވަޅެއް ވެސް އަޅާނެ ކަމަށެވެ.
"ގާނޫނު އަސާސީ ދެމެހެއްޓުމަށާއި ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން. އެބޭފުޅުން ހާޒިރު ނުވާން ނިންމުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން އެއީ ބަގާވާތް ކުރުމަށްފަހު ކޮންމެ ބަޔަކު ވެސް ކަންތައްތައް ކުރާ ގޮތް. އެބޭފުޅުން ވެސް ގަބޫލު ކުރަން ޖެހޭނެ، ނަޝީދަށާއި ވަހީދަށާއި އެޓަނީ ޖެނެރަލްއަށާއި ކައުންސިލަރ ޖެނެރަލްއަށް އެކަންޏެއް ނޫން ގާނޫނު އެނގޭނީއެއް،" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ ނިންމުމަކީ ގާނޫނު އަސާސީއާއި ސްޕްރީމު ކޯޓުގެ އަމުރުތަކާއި ހިލާފު ނިންމުމެއް ކަމަށެވެ. އަދި ކޮމިޓިން މަސައްކަތްތައް ކުރަމުން ގެންދަނީ ގާނޫނު އަސާސީއާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ. އަދި އެމަސައްކަތް ކުރަމުން ގެންދަނީ ރާއްޖޭގެ ފުންނާބު އުސް ގާނޫނީ ފަރާތްތަކުގެ ލަފަޔާއި ބައިނަލް އަގުވާމީ ފަރާތްތަކުގެ ތާއިދާއެކު ކަމަށެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދަށް ރައްދު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ހަތެއް ފެބްރުއަރީގެ ކަންތައްތަކުގައި ޝާމިލުވާ ފަރާތްތަކުން ކޮމިޓީގެ މަސައްކަތްތައް ގޯސް ކުރުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދަކީ ކޮމިޓީތަކުގެ ތެރެއަށް "ދަނޑި" ބާނަން ޖެހޭ ބޭފުޅެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ