ހަމީދުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އިސްމާއީލް އަބްދުލްހަމީދުގެ މައްޗަށް ސާބިތުވެފައިވާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގެ ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ހުށަހެޅުމުން އެ ކޯޓުން މިއަދު އެ މައްސަލަ ބަލައިގެންފި އެވެ. ހަމީދުގެ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ހަމީދުގެ އިލްތިމާސް ދައުވާގައި ބުނެފައި ވާނީ ހަމީދު އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ހުކުމްކޮށްފައި ވަނީ ގާނޫނީ ހަމަތަކާ ޚިލާފަށް ކަމަށެވެ. އަދި ހަމީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކުރުމަށް ވެސް ދައުވާގައި އެދިފައިވާނެ ކަމަށް ޝާއިރު ވިދާޅުވި އެވެ. ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުން ކާށިދޫ ދާއިރާގެ ގޮނޑިއާމެދު ގޮތެއް ނިންމައިދިނުމަށް އެދި ކުރިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ކޯޓުން ނިންމާފައި ވަނީ އިލްތިމާސްކުރުމުގެ ހައްގު އޮތްހާ ހިނދަކު ހަމީދުގެ ގޮނޑި ގެއްލިއްޖެ ކަމަށް ނުބެލޭނެ ކަމަށާއި ނަމަވެސް ހުކުމް ދެމިއޮތްހާ ހިނދަކު ރައްޔިތުންގެ މަޖިލީހަށް އޭނާ އަށް ހާޒިރުނުވެވޭނެ ކަމަށެވެ. ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މުނިސިޕަލްޓީން ގަތް ކޮޅުވެއްޓިއެއް ސަރުކާރަށް ލިބުމުގެ ހައެއްކަ މަސް ކުރިން އެ އުޅަނދު ލިބުނު ކަމަށް ހަމީދު ސޮއިކުރެއްވި ކަމަށް ބުނެ އެވެ. އެގްރިމެންޓުގައިވާ ގޮތުން އުޅަނދުގެ އަގުގެ 50 ޕަސެންޓް ދައްކަންޖެހެނީ އެގްރިމެންޓުގައި ސޮއިކުރުމުންނެވެ. ބާކީ ފައިސާ ދައްކަންޖެހެނީ އުޅަނދު ސަރުކާރަށް ލިބުމުންނެވެ. އެހެންކަމުން އުޅަނދު ލިބުނު ކަމަށް ސޮއިކުރުމުން އުޅަނދު ވިއްކި ސިންގަޕޫރުގެ އައިލެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު ގޮތުގައި ފައިދާތަކެއް ވެފައިވާ ކަމަށް ކޯޓުން ބުނެފައިވެ އެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ތިން ވަނަ ނަންބަރުގައި ބުނެފައި ވަނީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި 74 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރަންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ