އޭސީސީއަށް ގާނޫނީ ބާރު ހޯދާ ދިނުމަށް މުޅިން އާ ބިލެއް މަޖިލީހަށް ހުށަހަޅައިފި

އެންޓިކޮރަޕްޝަން ކޮމިޝަނަށް ގާނޫނީ ބާރު ހޯދާ ދިނުމުގެ ގޮތުން ކުޅުދުއްފުށީ ދެކުނު ދައިރާގެ މެމްބަރު މުހައްމަދު ނަޝީދު މުޅިން އާ ބިލެއް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މިމަހުގެ އަށް ވަނަ ދުވަހު "ކޮރަޕްޝަން ހުއްޓުވުމުގެ ބިލު 2012"ގެ ނަމުގައި ނަޝީދު ހުށަހަޅުއްވާފައިވާ ބިލު ބަޔަށް ބައްސަވާލައްވާފައިވާ އިރު 16 ބާބާއި 147 މާއްދާއާއި 4 ޖަދުވަލު ހިމެނެއެވެ.
ނަޝީދު އޭނާގެ އަމިއްލަ ބްލޮގުގައި ލިޔުއްވާފައިވާ ގޮތުގައި މިބިލު ހުށަހެޅުއްވި މައިގަނޑު ސަބަބުތަކަކީ ކޮރަޕްޝަންގެ އަމަލުތައް ރާއްޖޭގައި ހިނގުން އިތުރުވެގެންދާއިރު، އަދި، ކޮރަޕްޝަންގެ އަމަލު ހިނގާގޮތް “ޒަމާނީ” ވެގެންދާއިރު، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ކޮރަޕްޝަންގެ ކުށުގެ ގޮތުގައި ބަޔާންކޮށްފައިވާ ކުށް މިހާރުގެ ހާލަތަށް ނުފެތޭތީ، ކޮރަޕްޝަންގެ ކުށް، މިހާރާ ގުޅޭގޮތަށް ބަދަލު ކުރުމާއި، އަދި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމުގެ ބާރު އޭސީސީއަށް އެންމެ ފުރިހަމައަށް ލިބިގެން ނުވާތީ އެބާރުތައް ހޯދާ ދިނުމަށާއި އ.ދ. ގެ ކޮރަޕްޝަނާ ދެކޮޅު މުޢާހަދާ ކަމުގައިވާ “ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ކޮރަޕްޝަން” ގައިވާ އުސޫލުތަކާ އެއްމަގަކަށް، ކޮރަޕްޝަން ހުއްޓުވުމަށް ރާއްޖޭގައި އޮތް ޤާނޫނީ އޮނިގަނޑު ގެންގޮސްދިނުން ކަމަށެވެ.
މީގެ އިތުރުން ބިލުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އޭސީސީއާއި އެހެނިހެން މިނިވަން މުއައްސަސާތަކުން ދީފައިވާ އެއްބާރުލުމަށް ނަޝީދު ޝުކުރު އަދާކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ