ދިއްލީ ގޭންގް ރޭޕްގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ނުގެންދިއުމަށް ސުޕްރީމް ކޯޓުން އަންގައިފި
ނިއު ދިއްލީ (ނޮވްމެބަރު 12) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ބަހެއްގެ ތެރޭގައި 23 އަހަރުގެ އަންހެން ދަރިވަރަކު ގްރޫޕަކުން ރޭޕްކޮށް، ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން މަރުވި މައްސަލައިގައި ހަތަރު މީހަކަށް އިއްވާފައިވާ މަރުގެ ހުކުމްގެ އިސްތިއުނާފް ޝަރީއަތް އަވަސް އަރުވާނުލުމަށް އެ ގައުމުން ސުޕްރީމް ކޯޓުން އަންގައިފި އެވެ. މުޅި އިންޑިއާ ސިހިގެންދިޔަ ރޭޕް އަދި މަރުގެ މައްސަލާގައި ހުކުމް އައިސްފައިވާ ހަތަރު މީހުންގެ އިސްތިއުނާފާ ބެހޭ ގޮތުން އިންޑިއާގެ އެންމެ މަތީ ކޯޓުން އެގޮތަށް އެންގީ އެ މައްސަލައިގެ ލިޔުންތަކުގެ ހިންދީ ބަހުގެ ތަރުޖަމާ ކުށްވެރިންނަށް ނުދިނުމަށް ހައި ކޯޓުން ނިންމި ނިންމުން އެމީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ. އުއްތަމަ ފަނޑިޔާރު ރިޔާސަތުގެ ބެލެހެއްޓެވި ސުޕްރީމް ކޯޓުގެ ބެންޗަކުން ޕްރޮސެކިއުޓަރުންނަށް އިއްޔެ އަންގަވާފައި ވަނީ އެ މައްސަލައިގެ ހުރިހާ ލިޔުންތަކުގެ ހިންދީ ބަހުން ތަރުޖަމާކޮށް، 10 ދުވަހުގެ ތެރޭގައި ކުށްވެރިންނަށް ދިނުމަށެވެ. އަދި ޕްރޮސީޖާ ފޮލޯކުރަންޖެހޭނެ ކަމަށް އެ ކޯޓުން އެންގި އެވެ. "ކުށްވެރިން ތިބެންޖެހޭނީ އެ މީހުންނަށް ހުރިހާ ފުރުސަތުތަކެއް ދެވުނުކަމުގެ ހިތްހަމަޖެހުން ލިބިފައި. މިފަދަ އަމަލެއް އިސްތިއުނާފް މަރުހަލާގައި ހައި ކޯޓުން ދައްކައިގެން ނުވާނެ،" ސުޕްރީމް ކޯޓުގެ ބެންޗުން ބުންޏެވެ. މަރުގެ ހުކުމް އައިސްފައިވާ ހަތަރު މީހުންގެ ފަރާތުން ބުނަމުންދަނީ އެމީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތް ކަމަށާއި ދަށު ކޯޓުން އެކަށީގެންވާ ފުރުސަތު ދިފާއުވުމަށް ނުދޭ ކަމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލުން އެ ވާހަކައާ ދެކޮޅެވެ. ރޭޕްގެ ހާދިސާގައި ޖުމްލަ ހަ މީހަކު ހައްޔަރުކޮށް ދައުވާކުރި އެވެ. އޭގެ ތެރެއިން އެކަކު އަމިއްލައަށް ދަންޖެހިގެން މަރުވެފައިވާއިރު ދެން ހުރީ ކުޑަކުއްޖެކެވެ. އެ ކުއްޖާއަށް އައިސްފައިވަނީ ތިން އަހަރުގެ ކަރެކްޝަނަލް ފެސިލިޓީއަކަށްލުމުގެ ހުކުމެވެ. --ޓައިމްސް އޮފް އިންޑިއާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ