މުހަންމަދު ހުސެއިނާއި އަލީ ސަލީމް ޑީއާރުޕީން ވަކިވެއްޖެ

ޑީއާރުޕީގެ ވަރަށް ސީނިއާ ދެ ބޭފުޅުން ކަމަށްވާ ކަނޑިތީމު ދާއިރާގެ މެމްބަރު މުހަންމަދު ހުސެއިނާއި ފުނަދޫ ދާއިރާގެ އަލީ ސަލީމް އެ ޕާޓީން މިރޭ ވަކިވެވަޑައިގެންފައިވާ ކަމަށް އިތުބާރު ހުރި ގޮތަކަށް "ހަވީރަ" ށް އެނގިއްޖެ އެވެ. އެހެން ނަމަވެސް ޑީއާރުޕީގެ މީޑިއާ އިން މިރޭ ބުނީ އެފަދަ ކަމެއް އަދި ހިނގާފައި ނެތް ކަމަށެވެ. އަދި އެއިން ބޭފުޅަކާ ވަނީ "ހަވީރަ" ށް މިރޭ ގުޅޭ ގޮތެއް ނުވެފަ އެވެ. މުހަންމަދު ހުސެއިންގެ ފޯނަށް "ހަވީރު" ން ތަކުރާރުކޮށް ގުޅުމުން ވެސް ޖަވާބެއް ނުދެއްވި އެވެ. އަދި އެސްއެމްއެސް އަކަށް ވެސް އޭނާ ޖަވާބު ނުދެއްވި އެވެ. އަލީ ސަލީމްގެ ފޯނު ވަނީ ނިވާލައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުން ޑީއާރުޕީން ވަކިވެ ޕީޕީއެމަށް ސޮއިކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ. އަދި ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ވެސް ނުރަސްމީކޮށް އެކަން "ހަވީރަ" ށް ކަށަވަރު ކޮށްދެއްވި އެވެ. މުހަންމަދު ހުސެއިނާއި އަލީ ސަލީމް ޑީއާރުޕީން ވަކިވެވަޑައިގެންނެވިއިރު ރައްޔިތުންގެ މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރުމަށް ވޯޓު ދިނުމަށް އިއްޔެ ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕުން ނެރުނު ވިޕްލައިނާ އެއްގޮތަށް ވޯޓު ނުދެއްވި ބޭފުޅުންގެ ތެރޭގައި އެ ދެ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. އަދި އަލީ ސަލީމް ވަނީ ރޭ ދިޓީވީގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔުއްވައިފަ އެވެ. އަލީ ސަލީމް ވިދާޅުވެފައި ވަނީ ޑީއާރުޕީގެ އަސާސްތައް ދަމަހައްޓާ މެމްބަރުންނަކީ "އަޅުގަނޑާ އެކު ބައިވެރިވެގެން ޑީއާރުޕީގެ ވިޕް މުގުރާލި މީހުން" ކަމަށެވެ. ޑީއާރުޕީގެ ބޮޑު ތާއީދެއް އޮންނަ ފުނަދޫ ދާއިރާގެ މެމްބަރު ވިދާޅުވެފައި ވަނީ އެ ޕާޓީ އަކީ މެދުމިނުގެ ސިޔާސަތުތަކެއް ދަތުރުކުރަމުން ދިޔަ އަދި ތައުލީމީ އެތައް ބަޔަކު ގަބޫލުކުރާ ޕާޓީއެއް ކަމަށެވެ. އެކަމަކު "ހެދޭ އެންމެ މިސްޓޭކަކުން ވެސް ބޮޑު ގެއްލުންތަކެއް ވެދާނެ" ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. "މިއަދު ޑީއާރުޕީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ. މިއަދު އަޅުގަނޑު ވެސް ޑީއާރުޕީގެ މެމްބަރެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ،" އަލީ ސަލީމް ވިދާޅުވި އެވެ. ޑީއާރުޕީ ޕާލަމެންޓްރީ ގުރޫޕުގައި ތިއްބަވަނީ 16 މެމްބަރެކެވެ. މުހަންމަދު ހުސެއިނާއި އަލީ ސަލީމް އެ ޕާޓީން ދޫކޮށްލުމުން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާނީ ޑީއާރުޕީގެ 14 މެމްބަރެކެވެ. އެ ދެބޭފުޅުން ޑީއާރުޕީން ވަކިވެވަޑައިގެންފައިވާއިރު، ސުޕްރީމް ކޯޓުގެ މިއަދުގެ ހުކުމާ އެކު ޑީއާރުޕީގެ ބައެއް ކައުންސިލަރުން ވެސް އެ ޕާޓީން ވަކިވެފައިވާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ