ސުޕްރީމް ކޯޓުން ރިޔާސީ އިންތިހާބު ބާތިލުކޮށްފި

މިދިޔަ މަހުގެ 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަކީ، ގާނޫނު އަސާސީގައި ބުނެފައިވާ ފަދައިން ބާއްވާ އިންތިހާބެއް ނޫން ކަމުން އެ އިންތިހާބަކީ ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާ އިންތިހާބެއް ކަމަށް ވާތީ ރިޔާސީ އިންތިހާބު ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ހުށަހެޅި ދުސްތޫރީ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ހަތަރު ފަނޑިޔާރުގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބުގެ ލެޖިޓިމެސީ ގެއްލިފައިވާ ކަމަށާއި، އެކަން މައްސަލައިގައި ހުށަހެޅި ހެކިތަކާއި ހެކިންގެ ހެކި ބަހުގެ އިތުރުން ސުޕްރީމް ކޯޓުގެ ބޭނުމަށް ފުލުހުން އެކުވަލާވި ފަންނީ ރިޕޯޓުން ސާބިތުވާ ކަމަށެވެ.
މި ހުކުމް އިއްވެވުމަށް ފަނޑިޔާރުންގެ ބެންޗުން އަޣުލަބިއްޔަތު ދެއްވީ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދެވެ. މި މައްސަލައިގައި ރައުޔު ތަފާތުވެ ވަޑައިގަތީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ފަނޑިޔާރު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އަބްދުﷲ އަރީފެވެ.
ސުޕްރީމް ކޯޓުގެ ތާރީހީ ހުކުމުގައި ބުނަނީ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށާއި، އަދި ދެވަނަ ބުރެއް ބާއްވަން ވެއްޖެނަމަ އެ އިންތހާބު އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރު ކުރާ ކަމަށާއި 20 ވަނަ ދުވަހުގެ ކުރިން ބޭއްވޭ އިންތިހާބާއި ހަމައަށް 18 އަހަރު ފުރޭ ހުރިހާ ފަރާތްތަކަށް ވޯޓުލުން ކަށަވަރުކޮށްދިނުމާއި، 20 ވަނަ ދުވަހުގެ ކުރިން ބާއްވާ އިންތިހާބަށް އަލުން ވޯޓު ކަރުދާސް ޗާޕުކުރުމަށާއި، އެ ކަރުދާހުގައި ވެސް އާ ސެކިއުރިޓީ ފީޗާސްތަކެއް ހިމެނޭކަން އިލެކްޝަނުން ކަށަވަރު ކޮށްދިނުމަށެވެ.
މީގެ އިތުރުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އެކުލަވާލުމުގެ މައިގަނޑު މަސްދަރަކީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާ ބޭސް ކަމާއި، އިލެކްޝަންސް ކޮމިޝަނުގެ ޑޭޓާ ބޭސް އާއި، އިލެކްޝަންސް ކޮމިޝަނުގެ ސާވާއަށް ބޭރުގެ ފަރާތްތަކަށް ވަނުމުގެ ފުރުސަތު އޮތްކަމަށް ފާހަގަކުރެވުމާއެކު އެކަން އެހެން ނުހިނގާނެ ގޮތަކަށް ދައުލަތުގެ ކަމާބެހޭ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން އެ މަސައްކަތްކުރަން އިލެކްޝަންގެ މައްޗަށް ލާޒިމް ކުރާ ކަމަށާއި ހުކުމް ކުރިތާ 72 ގަޑި އިރުގެ ތެރޭގައި އިލެކްޝަން ބޭއްވުމުގެ މަސައްކަތް ފަށަށް ޖެހޭނެ ކަން ކަނޑައަޅައި އެކަމުގައި ދައުލަތުގެ ބާރުތަކާއެކު މަޝްވަރާކޮށް އެކަން ކުރަން ކުރެވޭނެ އިންތިޒާމު ހަމަޖައްސުމަށެވެ.
ހުކުމް ބުނާ ގޮތުން ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓްގެ ފަންނީ މީހުން ކުރި އޮޑިޓަކުން، 5623 ވޯޓުގައި މައްސަލަ ހުރި ކަމަށް ދައްކާ ކަމަށާއި 18 އަހަރު ނުވާ ކުދިންނާއި މަރުވެފައިވާ މީހުން ވޯޓުލުމާއި، އެކަކު ދެފަހަރު ވޯޓު ލުމާއި، ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ ރަޖިސްޓްރީގައި ނެތް މީހުން ވޯޓުލުން ފަދަ މައްސަލަތައް ހުއްޓެވެ. އަދި
ހުކުމްގައި ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އެއް ނަމްބަރު ކެންޑިޑޭޓު ގާސިމް އިބްރާހިމާއި، ތިންވަނަ ކެންޑިޑޭޓޫ ޕީޕީއެމްގެ އަބްދުﷲ ޔާމީނަށް ލިބުނު ވޯޓުގެ ތަފާތު ގާތްގަނޑަކަށް 2،000 ގައި އުޅޭ އިރު 5623 ފުލުހުންގެ ރިޕޯޓުގައި ޖުމްލަ 5623 ވޯޓުގެ ތަފާތު ހުރިކަމަށް ދައްކާފައިވާކަން ފާހަގަވުމަކީ ނަތީޖާ އަށް އަސަރުކުރާނެ ކަމެއް ކަމަށެވެ. (ތަފުސީލު އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ