މީހަކު ކޯޓުން ދޫކޮށްލިތާ 48 ގަޑިއިރު ނުވަނީސް ވައްކަން ކޮށްގެން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިއަ އަންގާރަ ދުވަހު ހައްޔަރު ކުރި މީހަކު މުއްދަތަށް ގެންދިއުމުން ކޯޓުން ދޫކޮށްލިތާ 48 ގަޑިއިރު ނުވަނީސް ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރު ކުރީ ރޭ ހުށަހެޅުނު ވައްކަމުގެ މައްސަލައާއި ގުޅިގެން ކަމަށާއި އޭނާއާއެކު އިތުރު މީހަކު ވެސް ހައްޔަރު ކުރި ކަމަށެވެ. އެ ދެ މީހުންނަކީ ވެސް ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ ދެމީހުން ކަމަށާއި ދެ މީހުން ހައްޔަރު ކުރީ އެ މީހުން ވަގަށް ނެގި ތަކެއްޗާ އެކުގައި ކަމަށް ވެސް ބުންޏެވެ. ހައްޔަރު ކުރި ދެމީހުން ވަގަށް ނަގާފައިވަނީ ގއ. ދާންދޫގައި ސުނާމީގެ ގެތައް އިމާރާތް ކުރުމުގެ މަސައްކަތްކުރަމުންދާ ކުންފުނީގެ ސައިޓްގައި ހުރި ކޮންކްރީޓް ދަގަނޑުތަކުގެ ތެރެއިން 59 ދަނގަޑެވެ.
ހައްޔަރު ކުރި ދެ މީހުންގެ ތެރޭގައި ހިމެނޭ 38 އަހަރުގެ މީހާ ކުރިން ހައްޔަރު ކުރީ މަސްތުވާތަކެތިކަމަށް ޝައްކުވާ އެއްޗެއް ބޭނުންކުރަމުން ދަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ