ކުށުގެ ތުހުމަތު ކުރެވޭ މީހުނާއި އަހުލާގުދަށް މީހުން ރައްޔިތުން ތަމްސީލު ކުރާ މަގާމުތަކަށް ނުހޮވަން ކޮމިޝަނާ ގޮވާލައްވައިފި

ޖިނާއި ބޮޑެތި ކުށްކުށުގެ ތުހުމަތު ކުރެވޭ މީހުންނާއި އަހުލާގީ ގޮތުން ދަށްފެންވަރުގެ މީހުން، ރައްޔިތުން ތަމްސީލު ކުރާ އެއްވެސް މަގާމަކަށް ނުހޮވަން ޕޮލިސް ކޮމިޝަނާ ގޮވާލައްވައިފި އެވެ.
ކޮމިޝާނާ އަބްދުﷲ ރިޔާޒު އޭނާގެ ވީޑިއޯ އިންޓަވިއުގައި ވިދާޅުވެފައި ވަނީ ޖިނާއީ ބޮޑެތި ކުށްކުށުގެ ތުމަތު ކުރެވޭ މީހުންނާއި އަހުލާގީ ގޮތުން ދަށް ފަރާތްތައް ރައްޔިތުން ތަމްސީލު ކުރާ މަގާމުތަކަށް ހޮވުމުން އެފަދަ ފަރާތްތައް ރައްޔިތުން ތަމްސީލު ކުރުމުގެ މަގާމުތަކުގައި ތިބެ، ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ހުރަސް އަޅައި އިންސްޓިޓިއުޝަންތައް ހިންގިޔަން ނުދޭން މަސައްކަތް ކުރާ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ހުރިހާ ރައްޔިތުންނަށް ތިޔަބޭފުޅުން ތަމްސީލު ކުރާ މީހުންގެ ގޮތުގައި އެއްވެސް މަގާމަކަށް އައްޔަން ނުކުރައްވާށޭ އަހުލާގީ ގޮތުން ދަށް ފެންވަރުގެ ބޭފުޅުން، ޖިނާއީ ބޮޑެތި ކަންކަމުގައި ތުހުމަތު ކުރެވޭ މީހުން. އެފަދަ މީހުން އިންތިހާބު ނުކުރަން އަޅުގަނޑު އިލްތިމާސް ކުރަން،" ކޮމިޝަނާ ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ރައްޔިތުން ތަމްސީލު ކުރުމުގައި މިހާރު ވެސް ތިބި އެފަދަ ބައެއް ފަރާތްތަކުގެ މައްސަލަތައް ފުލުހަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ކަމަށާއި އެކަން ކަން ހުއްޓުވުމުގެ ނިޔަތުގަ އާއި ފުލުހުންގެ ގައުމީ މަސައްކަތް ހުރަސް އަޅަން މަސައްކަތް ކުރަމުންދާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެންމެނަށް ވުރެ ގައުމު މިހިންމު ވާންޖެހޭނެ ކަމަށާއި ގައުމުގެ މަސްލަހަތާއި އަމަންއާންމު އެއީ އެންމެ މުހިންމު ކަންތައްތައް ކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަންކަން ކަށަވަރު ކުރުމަށް ގާނޫނު އަސާސީން އުފައްދާފައިވާ ފުލުހުންނާއި ސިފައިންގެ މުއައްސަސާތަކަށް ހުރިހާ އެންމެން އަމުދުން ރައްޔިތުން އިންތިހާބު ކުރާ، ރައްޔިތުން ތަމްސީލު ކުރާ ފަރާތްތައް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އެކަން އެހެން ނުވެދާނަމަ އެފަދަ ކަންކަން ހުއްޓުމަކަށް ގެންނަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑަށް އެޓޭކްކޮށްގެން އަޅުގަނޑުގެނެތް އެއްވެސް މައްސަލައެއް. އަޅުގަނޑު ގަބޫލު ކުރަން މި މަގާމުގައި ހުންނަ މީހަކަށް ފާޑުފާޑުގެ ރައްދު އަންނާނެ، އެއީ މައްސަލައެއް ނޫން. ޕަބްލިކް ފިގާއަކަށްވީމަ ކުރާ ޝަކުވާއާ ދިމާ ކުރާ ދިމާ ކުރުންތަކަށް އަޅުގަނޑުގެ މައްސަލައެއް ނެތް،" ކޮމިޝަނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ