ދެ އަހަރު ނުވާ ކުދިންނަށް ވެސް ކެންގަރޫ ކިޑްސްއިން ބަލައިގެން ކިޔަން ދަސްކޮށްދީފި

ތުއްތު ކުދިން އާއްމު ގޮތެއްގައި، ފޮތް ބަލައިގެން ކިޔަން ދަސްކުރަނީ އުމުރުން ހަތަރެއް ނުވަތަ ފަސް އަހަރުގައި ކަމަށް ވިޔަސް ކެންގަރޫ ކިޑްސް އިން ވަނީ ދެ އަހަރު ވުމުގެ ކުރިން އެ ސްކޫލުގެ ދަރިވަރުންނަށް ބަލައިގެން ކިޔަން ދަސްކޮށްދޭން ފަށައިފަ އެވެ. "ބޭބީ ޖީނިއަސް"ގެ ނަމުގައި މިދިޔަ އަހަރު އެ ސްކޫލުން ފެށި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 90 ވަރަކަށް ކުދިންނަށް ވަނީ ފޮތް ބަލައިގެން އިނގިރޭސި ބަހުން ކިޔަން ދަސްކޮށްދީފަ އެވެ. ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި މިދިޔަ ހަފުތާގައި ބޭއްވި ބެލެނިވެރިންގެ މަހާސިންތާގައި ވެސް ވަނީ ވަރަށް ތުއްތު ކުދިން ފޮތް ބަލައިގެން ކިޔަވާ ވީޑިއޯތައް ދައްކާލައިފަ އެވެ. އޭގެ ތެރޭގައި އަށް މަހާއި އެއް އަހަރުގެ ކުދިން ވެސް ހިމެނެ އެވެ. ކެންގަރޫ ކިޑްސްގައި ކިޔަވާ ދަރިވަރެއް: އެ ސްކޫލުން ވަރަށް ތުއްތު ކުދިންނަށް ބަލައިގެން ކިޔަން ދަސްކޮށްދޭ-- ފޮޓޯ/ކެންގަރޫ ކިޑްސް އެ ކުދިން ވަނީ ބޮޑެތި ފޮތްތައް ބަލައިގެން ކިޔާފަ އެވެ. "އާއްމު ގޮތެއްގައި މިހާ ޅަ އުމުރެއްގައި ކުދިން ފޮތް ބަލައިގެން ކިޔާކަށް ނުފަށާ. އެކަމަކު މި ޕްރޮގްރާމްގެ ދަށުން ވަރަށް ގިނަ ކުދިން އަންނަނީ ފަސޭހަކަމާ އެކު ކިޔަން ދަސްކުރަމުން،" ކެންގަރޫ ކިޑްސް ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަންގެ އެގްޒެކްޓިވް ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު ވިދާޅުވި އެވެ. ކެންގަރޫ ކިޑްސް އިން ހިންގާ އިންޓަނޭޝަނަލް މި ޕްރޮގްރާމްގައި އިނގިރޭސި ބަހުގެ އިތުރުން ހިސާބާއި ފިޒިކަލް އާޓްސް ފަދަ މާއްދާތައް ކިޔަވައިދެ އެވެ. އަދްލީ ވިދާޅުވީ އެހާ ޅަ އުމުރުގައި ކުދިން ފޮތް ބަލައިގެން ކިޔަން ފެށުމުން ބެލެނިވެރިން ވަރަށް އެކްސައިޓްވެ، އުފާވާ ކަމަށެވެ. "މިއީ އާއްމުކޮށް ފެންނަ މަންޒަރެއް ނޫން. ވީމަ ބެލެނިވެރިން ވަރަށް އުފާވެފައި ތިބެނީ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ