ސްރީލަންކާގެ އުއްތަމަ ފަނޑިޔާރުގެ މައްސަލަ ހުށަހެޅީ ގާނޫނު އަސާސީއާ ޚިލާފަށް: ސުޕްރީމް ކޯޓް

ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ޝިރާނީ ބަންޑާރަނައެކައިގެ މައްސަލަ ހުށަހަޅާފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ބުނެ އެ ޤައުމުގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބެލުމަށް އިންކާރުކޮށްފި އެވެ.
މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން އިންކާރުކޮށްފައި ވަނީ ފަނޑިޔާރުންގެ މައްސަލަތައް ބަލައި، ކުށްވެރިވޭތޯ ކަނޑައެޅުމަކީ ޤާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަކަށް ގާނޫނީ ގޮތުން ލިބިދީފައިވާ ބާރަކަށް ނުވާތީ ކަމަށް ބުނެ އެވެ.
ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފުވި ކަމުގެ ތުހުމަތުގައި ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު، އުމުރުން 54 އަހަރުގެ ޝިރާނީ ބަންޑާރަނައެކައިގެ މައްޗަށް ތިން މައްސަލައެއް ސާބިތުވާ ކަމަށް ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ މައްސަލަ ބެލި ކޮމިޓީން ބުނެފައިވެ އެވެ.
އެ ކޮމިޓީން ޕާލަމެންޓަށް މިދިޔަ ޑިސެމްބަރުމަހު ހުށަހެޅި ރިޕޯޓުގައި ބުނެފައިވަނީ، ބަންޑާރަނައެކައިގެ މައްޗަށް ތުހުމަތުކޮށްފައިވާ މާލީ ފަސް މައްސަލައިގެ ތެރެއިން ތިން މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.
ކޮމެޓީން އަންގާފައިވާ ގޮތަށް މި މަހު މަޖިލީހުގެ މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކާއެކު ރިޕޯޓް ފާސްވެއްޖެނަމަ، އުއްތަމަ ފަނޑިޔާރުކަމުން ޝިރާނީ ވަކިވާނެ ކަމަށް މަޢުލޫމާތު ލިބެ އެވެ. ލަންކާގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ދުރުކުރަން ހުށަހެޅުނު މައްސަލާގައި ބައިނަލްއަގުވާމީ ފަރާތްތަކުގެ ފިއްތުންތައް ލަންކާ ސަރުކާރަށް ކުރިމަތިވެފައިވާއިރު، މި މައްސަލާގައި ކަންބޮޑުވާ ކަމަށް ބުނެ ޤާނޫނާ އެއްގޮތަށް އެކަން ކުރިއަށް ގެންދިއުމަށް ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީން ވަނީ ލަންކާ ސަރުކާރަށް ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ