މެމްބަރު ޝުޖާއުގެ ދަބަސް ފުލުހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ދަބަސް ފުލުހުން މިރޭ ފާސްކޮށްފި އެވެ. ޝުޖާއު "ހަވީރަ"ށް ވިދާޅުވީ އޭނާގެ ދަބަސް ފުލުހުން ފާސްކުރީ އައްޑޫގައި ރޭ އޮތް "ސަނަމް" ބޭންޑްގެ ޝޯގައި ބައިވެރިވުމަށް ފަހު، ހުޅުމާލެއިން ކާރުގައި ގެއަަށް ވަޑައިގެންނެވި މަގުމަތީގައި ކަމަށެވެ. "ކާރެއްގައި ގެއަށް ދަނިކޮށް، ފަހަތުން [ފުލުހުންގެ ވެހިކަލެއް] ބާރަށް އަންނާތީ އަޅުގަނޑުމެން ކާރު ހުއްޓީ. ކާރު ހުއްޓާލީމާ ފުލުހުން އައިސް ބުނީ ދަބަސް ޗެކް ކުރަން ބޭނުމޭ. އެ ފުލުހުންގެ ދެ އަތަށް އަންގި ލައްވައިގެން، ބައްތި ދިއްލައިގެން ތިބެ ދަބަސް ހާވާލާފައި އެމީހުން ހިނގައްޖެ،" ހުޅުމާލޭގައި ދިރިއުޅުއްވާ ޝުޖާއު ވިދާޅުވި އެވެ. "ވަކި އެއްޗެއް ދަބަހުން ނުވެސް ނަގާ. ވަކި ސުވާލެއް ވެސް ނުކުރޭ. އަޅުގަނޑު މި ހުންނަނީ މިކަމާ ހައިރާން ވެފައި." ޝުޖާއު ހުޅުމާލެއަށް ވަޑައިގަތީ ފެރީންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލެއަށް އަރައި ފައިބާ މީހުން ދޭތެރެދޭތެރެއިން ޗެކް ކުރާ ކަމަށެވެ. "ވަކި މީހަކަށް ހާއްސަ ކޮށްގެން ޗެކެއް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ