ތެދު މައުލޫމާތު ލިބެން ރައްޔިތުން އަބަދުވެސް ބޭނުން

މިހާރު މާލެއަށް ކުރިމަތިވެގެން މިއުޅެނީ މިވަރުގެ ސިޓީއަކަށް ދިމާވާނެ އެންމެ އުނދަގޫ، އެންމެ ސީރިއަސް އެއް މައްސަލަ އެވެ. ފެނުގެ ޚިދުމަތް ކެނޑުމުން ރައްޔިތުން އުފުލަން ޖެހޭ ބުރަ އާއި ތަހައްމަލްކުރަން ޖެހޭ ދަތި ހާލަތު ސަރުކާރަށް ވަރަށް ބޮޑަށް ވަޒަންކުރެވެ އެވެ. އެހެންކަމުން ފުރަތަމަ ރެއިން ފެށިގެން ސަރުކާރުން ވަނީ ވަރަށް ގިނަ އިންތިޒާމްތައް ހަމަޖައްސައިފަ އެވެ. އާންމުންނަށް އުނދަގޫވި ނަމަވެސް ކިއޫގައި ޖެހިގެން، ބޯ ފެނާއި އެހެން ބޭނުންތަކަށް ފެން ލިބޭނެ މަގު ތަނަވަސްކޮށްދިނެވެ. އަދި ސަރުކާރުގެ ފަހަތުން އަމިއްލަ ކުންފުނިތަކާއި އަމިއްލަ މީސްމީހުން ވެސް އެހީތެރިކަން ފޯރުކޮށްދޭން ފެށި އެވެ. މިކަހަލަ ހާލަތެއް ކޮންމެ ގައުމަކަށް ވެސް ކުރިމަތިވެދާނެ އެވެ. އާންމުންނާއި ސިޔާސީ ފަރާތްތަކުން އޭރަކު އޮންނަ ސަރުކާރަށް ތަފާތު ފިއްތުންތައް ކުރިމަތިކުރާ ފަހަރު ފަހަރު ވެސް ދުނިޔޭގެ ބައެއް ގައުމުތަކުން ތަޖުރިބާކުރެ އެވެ. ބައެއް ފަހަރަށް އާންމު ހާލަތު ހަމަޔަކަށް އަޅުވަން ސަރުކާރު ނުކުޅެދުމެވެ. އެކަމަކު ރާއްޖެ އިން ފެނުނީ އެ މަންޒަރެއް ނޫނެވެ. ސަރުކާރުން އެޅި ފިޔަވަޅުތައް ބެލެވެނީ، އެވަގުތު ދެން އެޅެން ހުރި އެންމެ ރަނގަޅު ފިޔަވަޅުތައް ކަމަށެވެ. ނާޒުކު ވަގުތުތަކުގައި ލިބެން ހުރި ހައްލުތައް ހޯދައިދިނުމަށް ފަހު ދެން އޮންނަން ޖެހޭނީ ރައްޔިތުންނަށް ރަނގަޅަށް ކަންކަން އޮޅުންފިލުވައިދިނުމުގެ މަރުހަލާ އެވެ. މައްސަލައާ ގުޅިގެން ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތުތަކުގައި އަދި މިހާރުގެ ސޯޝަލް މީޑިއާތަކުގައި ސަރުކާރުގެ ވެރިން ލިއާ އެއްޗެހީގައި ވެސް ހުންނަން ޖެހޭނީ ތެދު މައުލޫމާތެވެ. އެއީ މި ދަނޑިވަޅު އަރާފާނެ އޮޅުމަކުން ރައްޔިތުން ސަލާމަތްކުރުމަށާއި ސަރުކާރާ މެދު ރައްޔިތުންގެ ހިތުގައި އޮންނަ ޔަގީންކަން ބޮޑުކުރުމަށެވެ. އެމްޑަބްލިޔުއެސްސީގައި އަލިފާނުގެ ހާދިސާ ހިނގަން ދިމާވި ސަބަބާ މެދު ސަރުކާރުން އަދި ވާހަކަ ދައްކަން ބޭނުންނުވަނީ އެވަގުތު ނުޖެހޭތީ ކަމަށްވެ އެވެ. އެހެންނަމަވެސް އެފަދަ ނުރައްކާތެރި ހާދިސާތައް ހިނގިޔަ ނުދޭން އެކަށީގެންވާ ފިޔަވަޅު އަޅާފައި ހުރިކަން ކަށަވަރުވާން ޖެހޭނެ އެވެ. ރައްޔިތުން ފެނަން ބަރޯސާވެފައި ވަނީ ހަމައެކަނި އެމްޑަބްލިޔުއެސްސީ އަށެވެ. ފެން ގަންނަނީ އެވެ. އެހެންކަމުން އެ ޔަގީންކަން ދިނުމަށްޓަކައި، ކުންފުނީގެ ރައްކާތެރިކަމުގެ ފިޔަވަޅު ކަށަވަރުކުރެވޭނެ ޔަގީންކަމެއް ކުންފުނިންނާއި ސަރުކާރުން ދޭން ޖެހެ އެވެ. މިހާރުގެ ބައެއް ޕްރެސްކޮންފަރެންސްތަކުގައި ވަރަށް ބޮޑެތި ކަންކަން ސަރުކާރުން ގެންދަނީ އިއުލާންކުރަމުންނެވެ. އޭގެ ތެރޭގައި ލިބުނު ގެއްލުން ފޫބެއްދުމަށް 20 މިލިއަން ޑޮލަރުގެ ފަންޑެއް ހުޅުވުން ހިމެނެ އެވެ. ސަރުކާރުން އެ ފަންޑު ހުޅުވުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. އެކަމަކު އެވަރުގެ ބޮޑު އެހީއަކަށް އެދޭ އިރު އޭގެ ތަފްސީލު ހާމަކުރުން ރަނގަޅެވެ. އާންމުންގެ އެހީއަށް އެދިފައިވާ އިރު އެހީ ދޭން ޖެހޭ ސަބަބު ތަފްސީލުކޮށް ބަޔާންކުރުމަކީ، މިޒަމާނުގައި ވަރަށް މުހިންމު ސިފައެކެވެ. އެއީ ރައްޔިތުން ބައިވެރިކުރުވުމެވެ. ކިތައްމެ ދަތި ދަނޑިވަޅެއްގައި ވެސް ތެދު މައުލޫމާތާ އެކު ރައްޔިތުންނާ ކުރިމަތިލާ ސިޔާސީ ވެރިން ދެކެ އާންމުން ލޯބިވެ އެވެ. އަދި ދޮގު ހަދާ ސިޔާސީ މީހުން ދެކެ، އެއީ ކިތައްމެ މަޝްހޫރު މީހަކަށް ވިޔަސް، އާންމުން ނަފުރަތުކުރެ އެވެ. އެހެންކަމުން މިހާރު ދިމާވެގެން އުޅޭ މައްސަލާގައި ވެސް ތެދަށް ވާހަކަ ދެއްކުމާއި ތެދު މައުލޫމާތު ފޯރުކޮށްދޭން ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހެ އެވެ. ޚާއްސަކޮށް 20 މިލިއަން ޑޮލަރުގެ ފެންޑެއް އުފެއްދުމުން އޭގެ މާނަ އަކީ އާންމުންނާއި އަމިއްލަ ފަރާތްތަކުން ވެސް އޭގައި ބައިވެރިވުމަށް ބާރު އެޅުން ކަމަށް ވާތީ، މިހާރުގެ މައްސަލައިގެ ސީރިއަސްކަމާއި އެވަރުގެ ބޮޑު ހޭދައެއް ކުރަން ޖެހޭ ސަބަބުތައް ބަޔާންކުރުން މޮޅުއިތުރެވެ. ސަރުކާރަށް ލިބޭނެ އިތުބާރާއި ޔަގީންކަން ވެސް ބޮޑުވާނެ އެވެ. އަދި ރައްޔިތުންގެ ފަރާތުން ޝައްކުގެ ސުވާލުކުރުން މަދު ވެސް ވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ