ހުޅުމާލެ އެއް އުފައްދައި ތަރައްގީ ކުރުމަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ވިސްނުންފުޅަށް ކުރައްވާފައިވާ ކަމެއް ކަމަށް ހެރިޓޭޖް މިނިސްޓާ އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
އިދިކޮޅަށް ރައްދުދެއްވަމުން އެކަމަނާ ވިދާޅުވީ ހުޅުމާލެ ތަރައްގީ ކުރެއްވުމަކީ ރައީސް މައުމޫންގެ ވިސްނުންފުޅަށް ކުރައްވާފައިވާ ކަމެއް ކަމަށާއި އެކަން ދިވެހި ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަމުގަ އެވެ.
އެކަމަނާ މިހެން ވިދާޅުވެފައި މިވަނީ ހުޅުމާލެ ތަރައްގީ ކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޢައްޔޫމްގެ ވިސްނުންފުޅަށް ކަމަށް އިދިކޮޅުން ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، ހުޅުމާލެއަކީ ޔާމީންގެ ސިޓީއެއްގެ ގޮތުގައި ސިފަކުރައްވައި ވިދާޅުވުމާއި ގުޅިގެންނެވެ.
ރޭ އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެފައިވަނީ ހުޅުމާލެއަށް އެހެން ކުލަކުލައިގެ ކެންޑިޑޭޓުން ކުރިމަތިލައްވަން ކަމުނުދާ ކަމުގައެވެ. އަދި މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލައްވަން އެމްޑީޕީގެ ކެންޑިޑޭޓުން ލަދުގަންނަންޖެހޭނެ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
އެގޮތުން އެމްޑީޕީގެ މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލްގެ މިދިޔަ ދެ ދައުރުގައިވެސް މާލޭގެ ރައްޔިތުންނަށް އެއްވެސްކަމެއް ކޮށްދީފައިނުވާ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ. އަދި މާލޭގެ ކަންކަން ހަމައަކަށް ނޭޅުވުމަކީ ލަދުގަންނަންޖެހޭ ކަމެއް ކަމަށާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވެސް އެމްޑީޕީގެ މެމްބަރުން މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލައްވަން ލަދުގަންނަން ޖެހޭ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ހުުޅުމާލެ ހިއްކައި ތަރައްގީ ކުރަން ފައްޓަވާފައިވަނީ ރައީސް މައުމޫން ޢަބްދުލްޤާއްޔޫމްގެ ވެރިކަމުގަ އެވެ. ނަމަވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބޮޑު ސަރަހައްދެއް ހިއްކައި، އެ ތަން ޒުވާނުންނަށް ޚާއްޞަކޮށް "ޔޫތު ސިޓީ" އެއްގެ ގޮތުގައި ތަރައްގީ ޕްލޭނެއް ގެންގުޅުއްވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގަ އެވެ. "ފޭސް 2" ގެ ނަމުގައި ހުޅުމާލެއިން ހިއްކާފައިވަނީ ފުރަތަމަ ފިޔަވައްސަށް ވުރެ ބޮޑު ސަރަހައްދެކެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއަކީ 7000 ފްލެޓުގެ މަޝްރޫއު އެވެ.
ހުޅުމާލެ ތަރައްޤީކުރީ މައުމޫން ވިސްނުންފުޅަށް އޮޅުވައެއް ނުލެވޭނެ- ދުންޔާ މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ