ދިވެހިން ޑިމޮކްރަސީއަށް ލޯބިކުރާ މިންވަރު، އެނގިގެން ހިނގައްޖެ- މައުމޫން

މަޖިލީސް އިންތިޚާބުގެ ކެމްޕެއިނަށް ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުން، ރާއްޖޭގެ ރައްޔިތުން ޑިމޮކްރަސީއަށް ލޯބިކުރައްވާ މިންވަރު ސާފުވެވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިހެން ވިދާޅުވީ ޕީޕީއެމް ކޯލިޝަންގެ ފަރާތުން ހއ ކެލާ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަލީ އާރިފް އަށް ތާއީދު ހޯއްދެވުމަށް ކެލާ، އަދި ފިއްލަދޫއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެމްބީސީ ނިއުސް އާއި ވާހަކަފުޅު ދައްކަވަމުންނެވެ.
 
ރައީސް މައުމޫން ވިދާޅުވީ، ޚިޔާލު ތަފާތު އެކި ފިކުރުތަކުގެ ބޭފުޅުން އިންތިޚާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރުވެސް ރަށްރަށުން ފެންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ފެނި އެކަމާ އުފާފުޅުކުރައްވާ ކަމަށެވެ. އަދި އެކަމަށް ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
 
ރައީސް މައުމޫން ކެލާ އަދި ފިއްލަދޫ އަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނު ވިދާޅުވީ، ހޮނިހިރު ދުވަހު އޮންނަ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް އާއި ގުޅިފައިވާ ކޯލިޝަންގެ މެމްބަރުން ބޮޑުކާމިޔާބީއެއް ހޯއްދަވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. އަދި ކޯލިޝަނުން ނިކުމެފައިވާ ކެންޑިޑޭޓުންނަކީ ޤާބިލް ކެންޑިޑޭޓުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ކޮންމެ ރައްޔިތަކުވެސް ވޯޓް ދެއްވާއިރު އެމީހާގެ ޤާބިލިއްޔަތުކަމަށް ބަލާ ވޯޓް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
 
 
ރައީސް މައުމޫންގެ މި ދަތުރުފުޅުގައި، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާރިސް މައުމޫން އަދި މާލޭ ސިޓީ ކައުންސިލްގެ މެމްބަރަކުވެސް ބައިވެރިވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ