ކެންޑިޑޭޓަކަށްވުމުގެ ހައްގު އެންމެ ބޮޑީ ގާސިމަށް - އުމަރު

ކުރިޔަށް އޮތް އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން އެއްބަސްވާ ރިޔާސީ ކެންޑިދޭޓަކަށް ވުން އެންމެ ހައްގުކަން ބޮޑީ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް އެމަނިކުފާނު ސޮއިކުރެއްވުމަށް އިއްޔެ ޖުމްހޫރީ ޕާޓީގެ މައި އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގއި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި އުމަރު ނަސީރު ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތާއި، ދައުލަތުގެ އެންމެ އިސް އެއްމަގާމު ކަމުގައިވާ ހޯމް މިނިސްޓަރުކަން އޭނާއަށް ލިބިވަޑައިގެންނެވީ ޖޭޕީގެ ތެރެއިން ކަމަށެވެ. އުމަރު ވިދާޅުވީ ޖޭޕީ އޮތީ ގުޅިފައިވާ ޕާޓީތަކެއްގެ ތެރޭގައި ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަކު އެ ޕާޓީތަކަށް އެއްކެންޑިޑޭޓަކު ނުނެރެވި ވަގުތުތައް ފާއިތުވުމަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ވާދަވެރިޔާއަށް ހިލޭ ދެވޭ ވަގުތުތަކެއް ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް އިޝާރާތް ކުރައްވަމުން އުމަރު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ކަނޑައަޅަން އާ ފޯމިއުލާއެއް އީޖާދު ކުރަން ނުޖެހޭ ކަމަށާއި، ފޯމިއުލާ އޮތީ ފެނިފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ