ރޭޕްގެ ތުހުމަތުވާ މީހާ އިންސާފުގެ ކުރި މައްޗަށް ގެންނަން ޖެހޭ - މައުމޫން

ފުރާވަރު އުމުރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތުކުރެވޭ މީހާ އިންސާފުގެ ކުރި މައްޗަށް ގެނައުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެ 3 ދުވަސް ކުރިން މާލޭގައި 18 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ވާހަކަ އިވިވަޑައިގަތުމުން، ހައިރާން ވެވަޑައިގަތް ކަމަށާއި އެ އަމަލު ހިންގި މީހަކު އިންސާފުގެ ކުރި މައްޗަށް ލަސްނުކޮށް ގެނެވެން ޖެހޭނެ ކަމަށެވެ.
މައުމޫންގެ އިތުރުން ވެސް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އެހެން ފަރާތްތަކުން ވެސް ވަނީ މިކަމުގެ ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމަށް ފުލުހުންނަށް ގޮވާލާފައެވެ.
ރޭޕްގެ މައްސަލައެއް ހުށަހެޅުމުން އެކަން ބަލަމުން އަންނަކަން ފުލުހުން "ވަގުތަށް" ކަށަވަރުކޮށްދިން ނަމަވެސް ފުލުހުން ވިދާޅުވީ، މިވަގުތު މައްސަލައިގެ އިތުރު ތަފްސީލު ދެވެން ނެތްކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ ރޭޕްކޮށްލާފައި ވަނީ މާލޭގެ ސްޓޫޑިއޯ އެއްގެ ތެރެއިންނެވެ. ބައެއް މީޑިޔާތަކަށް މައުލޫމާތުދެމުން އެ ކުއްޖާ ބުނެފައި ވަނީ, އޭނާ ރޭޕްކޮށްލީ ޕްރޮޖެކްޓެއްގައި އެހީތެރިކަން ހޯދުމަށް އެ ސްޓޫޑިއޯ ގޮސް އުޅެނިކޮށެވެ.
އަންހެން ކުއްޖާ އާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުދަ ދުވަހުގެ ރޭ 21:00 ހާއިރު އެކުއްޖާ ރޭޕް ކޮށްލާފައި ވަނީ އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އެއަމަލު ހިންގި މީހަކީ ސަރުކާރުގެ ނުފޫޒުގަދަ މީހަކާއި އާއިލީ ގުޅުން އޮންނަ މީހެއް ކަމަށް ވެސް ބައެއް ނޫސްތަކުން ބުނެއެވެ. ނަމަވެސް އެއީ ސަރުކާރުގެ ކޮން ބޭފުޅެއް ކަމެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ