ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބަންދުކޮށްފައި ވަނީ ޒާތީ ހަސަދައެއްގައި ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި، ޝަރީއަތް ނިމެންދެން މައުމޫން ޖަލުގައި ބަންދުކޮށްފައި ހުންނަތާ 100 ދުވަސް ވުމާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނެއްގައި ބުނީ، މައުމޫންގެ މައްޗަށް ކުރަނީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އަދި އެމަނިކުފާނު ހައްޔަރުކުރި ދުވަހުން ފެށިގެން ވެސް ރައްޔިތުންނަށް އެކަން ސާބިތުކޮށްދީފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.
މައުމޫންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން އެމަނިކުފާނު ބަންދުގައި ގެންގުޅުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބަލާ ނަމަވެސް އެކަށީގެންވާ ކަމެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ. އެހެންވެ ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް މައުމޫން ގޭބަންދަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ.
ފާއިތުވި ދެ ހަފުތާ ތެރޭގައި މައުމޫންގެ ސިއްހީ ހާލުކޮޅު އިންތިހާ އަށް ގޯސްވެ، ތަކުރާރުކޮށް ފަރުވާ ދޭން ޖެހިފައިވާ ކަމަށާއި ނަމަވެސް ދޫނިދޫ ޖަލުން އެމަނިކުފާނަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ދެމުން ނުދާ ކަމަށް ބަޔާނުގައި ވެ އެވެ.
"..ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު އިންތިހާއަށް ގޯސްވެ، ތަކުރާރުކޮށް ފަރުވާ ދޭންޖެހިފައިވާއިރު އަދި ބަންދުގައި ހުންނަ މަރުކަޒުގައި އެމަނިކުފާނަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ދެމުން ނުދާއިރު، އަދި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރިގޮތުން އަބަދުމެ އަރިހުގައި ބޭފުޅަކު ހުންނެވުމަށް ތަކުރާރުކޮށް ޑޮކްޓަރުން ލަފާދެއްވާފައިވާއިރު ޑޮކްޓަރުގެ ލަފައާ އެއްގޮތަށް އަމަލުކުރައްވަމުން ނުދާކަން ފާހަގަކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މައުމޫން ގެންދަވަނީ ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ޒާތުގެ ބައްޔެކެވެ. އެހެންވެ އެ ހާލަތުގައި މައުމޫނު ގިނިކަންޏާ ހުންނަވަން ޖެހިވަޑައިނުގަންނަވާ ގޮތަށް އަރިހުގައި އަބަދު ވެސް މީހަކު ބެހެއްޓުމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.
މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް ވަނީ، ރޯދަ މަހަށް އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގެންފަ އެވެ.
މި ރޯދަ މަހުގެ ދުވަސްތައް ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގަތުމަކީ މައުމޫނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.
Maumoon, roadhamahah geybandhah badhalukodhinumah Nasreena edhivadaigenfi
Mihaaru
މައުމޫން ޖަލުގައި ބަހައްޓަނީ ޒާތީ ހަސަދައެއްގައި: އިދިކޮޅު ފަރާތްތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ