"2018 ގައި ރައީސް ޔާމީން ފެއިލްވެއްޖެނަމަ އެ ފެއިލްވަނީ ދިވެހި ހުރިހާ ރައްޔިތުން" - މިނިސްޓަރު ނާޒިމް

2018 ގެ ރިޔާސީ އިންތިޙާބުގައި ރައީސް ޔާމީނަށް ނާކާމިޔާބުވެއްޖެނަމަ އެ ފެއިލްވަނީ ދިވެހި ހުރިހާ ރައްޔިތުންކަމަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.ގދ. ތިނަދޫގައި ޕީޕީއެމްއިން ބޭއްވި "ހެއްޔޯސާ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ 2018 ގައި ޤައުމުގެ ރައީސަކަށް ރައީސް ޔާމިން އިންތިޙާބުކުރުމަކީ ޤައުމުގެ ޙައްޤުގައި ރައްޔިތުންނަށް ކުރަންޖެހިފައި އޮތް މަސައްކަތެއްކަމަށެވެ.މިސާލު ނަންގަވަމުން މިނިސްޓަރު ވިދާޅުވީ ކްރިސްޓޮފަރ ކޮލަމްބަސް އެމެރިކާގައި ވެރިކަން ކުރެއްވިއިރުވެސް ރާއްޖޭގައި ޤާނޫނު އަސާސީއެއް އޮވެ ޤަވާއިދުތަކެއްގެ ތެރެއިން ސަރުކާރަކުން ޤައުމު ހިންގަމުން ދިޔަކަމަށެވެ. އެހެންނަމަވެސް މީގެ ހަތަރު އަހަރާ ހަމައަށްވެސް ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުތަކަށް ނުކުޅެދިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް. މީގެ ކުރިންވެސް ރައީސުން ތިއްބެވި. އެރައީސުން އެކަމަށް ނުކުޅެދުނުކަން މިއަދު ރައީސް ޔާމީން އެސާބިތުކޮށްދެއްވަނީ" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.ތިނަދޫއަށް ގެންނަވާ ތަރައްޤީ މިނިސްޓަރު ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ. ޚާއްސަގޮތެއްގައި ތިނަދޫގެ ސިއްޙީ ނިޒާމަށް އައި ބޮޑު ކުރިއެރުން މިނިސްޓަރު ފާހަގަކުރެއްވިއެވެ.އެހެންކަމުން މިތަރައްޤީ ބަލައިގަނެ ރައްޔިތުން ރައީސް ޔާމީނަށް ޝުކުރުވެރިވާން ޖެހޭކަން ނާޒިމް ފާހަގަކުރެއްވިއެވެ. އަދި 2018 ގައި އެމަނިކުފާނަށް ވޯޓު ދެއްވުމަކީ އިތުރު ޗޮއިސްއެއް އޮތްކަމެއް ނޫންކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ