އިސްރާއީލު ސިފައިން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް މިއަދު ދިން އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ ތިން ޒުވާނުން ޝަހީދު ވެއްޖެއެވެ.
މިއަދުގެ ހަމަލާތަކުގައި ޝަހީދުވި އެކަކީ އުމުރުން 17 އަހަރުގެ ކުއްޖެއް ކަމަށްވާ އުދޭ ނަވާޖާއެވެ. އޭނާގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހާފައިވަނީ ގުދުސްގެ އިރުމަތީ އަލް އަޒާރިޔާގައެވެ. ފަލަސްތީނުން ބުނެފައިވަނީ އުދޭ ނަވާޖާ ޝަހީދުވެފައިވަނީ ވަރަށް ބޮޑަށް ޒަޚަމްވެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދަނިކޮށް ކަމަށެވެ.
މިއަދު ދެން ޝަހީދުވެފައިވަނީ އުމުރުން 18 އަހަރުގެ ޒުވާނެކެވެ. އޭނާ ޝަހީދުވެފައިވަނީ ހުޅަނގު އައްސޭރީގެ އަބޫ ދީސް އަވަށުގައި ޕެޓްރޯލް ބޮން ހިފައިގެން އިސްރާއީލު ސިފައިންނާ ކުރިމަތިލުމުގެ ތެރޭގައެވެ.
އިސްރާއީލު ސިފައިންނަށް ހަމަލާދިން ކަމަށްބުނެ ހުޅަނގު އައްސޭރީގެ ޚުބާރުގައި ހުންނަ ފަލަސްތީނު ޒުވާނެއްގެ ގެ ތަޅާއި ސުންނާފަތި ކުރުމަށް އިސްރާއީލުގެ ބުލްޑޯޒަރުތައް އަވަށުގެ ތެރެއަށް ވަދެގަތުމުން އިސްރާއީލު ސިފައިންނަށް އޮށްގަލުން ހަމަލާދެމުން ދަނިކޮށް ސިފައިން ބަޑިޖެހުމުގެ ސަބަބުން އުމުރުން 19 އަހަރުގެ ޒުވާނަކުވެސް މިއަދު ޝަހީދުވެފައި ވެއެވެ.
މިއަދުގެ ކުރިމަތިލުންތަކުގައި ފަލަސްތީނުގެ ތިން ޒުވާނުން ޝަހީދު ވެފައިވާއިރު، ހުޅަނގު އައްސޭރީގެ ރާމަﷲ ކައިރީގައި އިސްރާއީލުން ގަދަބާރުން ހިފާފައިވާ ފަލަސްތީނު ބިމުގައި ހަދާފައިވާ ނީވް ސޫފް ނަމަކަށްކިޔާ ޔަހޫދީ އާބާދީގައި ފަލަސްތީނު ޒުވާނަކު މިއަދު ވަޅިން ހަމަލާދީ އިސްރާއީލު ތިންމީހުން މަރާލާފައި ވެއެވެ.
ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާ މިސްކިތާއި، މިސްކިތުގެ ހަރިންމަ ހިމެނޭ ސަރަހައްދުގައި އިސްރާއީލުން އަޅާފައިވާ ސަލާމަތީ ހަރުކަށި ފިޔަވަޅުތަކުގެ މައްސަލާގައި ފަލަސްތީނު ރައްޔިތުންނާއި އިސްރާއީލުގެ ސަލާމަތީ ބާރުތަކާ ދެމެދު މިދިޔަ ހަފްތާގެ ހުކުރު ދުވަހުން ފެށިގެންދަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންނެވެ.
މިކުރިމަތިލުންތައް އެންމެ ހޫނުވެގެންދިޔައީ މިހުކުރުގައެވެ. ހުކުރު ދުވަހުގެ ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނު ތިންމީހުން ޝަހީދުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައި ވެއެވެ.
އިއްޔެގެ ކުރިމަތިލުންތަކާ ގުޅިގެން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ އިސްރާއީލާއެކު ފަލަސްތީނުން ބާއްވަމުން އައި ހުރިހާ ގުޅުންތަކެއް ގަނޑުކުރައްވާފައެވެ.
އަނެއްކޮޅުން، އެންމެންގެ ސަލާމަތަށްޓަކައި ފަލަސްތީނުގެ ބިންތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ގުޅިގެން މަސައްކަތް ކުރުމަށް ޔޫރަޕްގެ އިއްތިހާދުން މިރޭވަނީ އިސްރާއީލަށާއި، އުރުދުންއަށް ގޮވާލާފައެވެ. އަގްސާ މިސްކިތް ބެލެހެއްޓުމުގެ ބަލަދުވެރި ފަރާތަކީ އުރުދުންއެވެ.
ޚަބަރު ލިބޭގޮތުގައި އިސްރާއީލުގެ ސަލާމަތީ ބާރުތަކާއި ފަލަސްތީނު ރައްޔިތުންނާ ދެމެދު ކުރިމަތިލުންތައް ހޫނުވެ، މިކަން ހުއްޓުމަކަށް ގެނައުމަށްޓަކައި އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ސިއްރު ބައްދަލުވުމެއް ހޯމަދުވަހު ބޭއްވުމަށް މިހާރުވަނީ ނިންމާފައެވެ. މި ބައްދަލުވުމަށް ގޮވާލީ މިސްރާއި، ފަރަންސޭސިވިލާތް އަދި ސްވިޑަންއިން ކަމަށް ޚަބަރު ލިބެއެވެ.
އިސްރާއީލުގެ އުދުވާނީ ބާރުތަކުން ފަލަސްތީނުގެ ތިން ޒުވާނުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ